18 Feb 2013, 09:23
މެދު އުތުރު ސަރަހައްދަށް ކުރީގެ ސަރުކާރުން ކަޑައަޅަފައިވާ ސްޓޭޓް މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރެއްގެ ނައިބުގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އަމިއްލަ ބޭނުންފުޅުތަކަށް އެ އިދާރާގެ ބަޖެޓުން 2.1 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ބުނެފި އެވެ.
އެ އިދާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވީ މޮނާޒާ މުހައްމަދު ނައީމެވެ.
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިންގަމުން އައި މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާ އުވާލުމަށް މިހާރުގެ ސަރުކާރުން ހުސްވި އަހަރުގެ ފެބްރުއަރީ 13ގައި ނިންމެވުމާ ގުޅިގެން އެ އިދާރާ އޮޑިޓް ކުރެއްވުމަށް ފަހު 17 ފެބްރުއަރީ 2013 ވަނަ ދުވަހު އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއިކުރަށްވާފައި ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ ސަރަހައްދުގެ ގައުމީ އިދާރާ އަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަށްވާފައިވާ ސްޓޭޓް މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރުގެ ދެ ނާއިބުންނާއި ޕްރޮވިންސް ކޯޑިނޭޓަރުގެ ލިވިންގް އެލަވަންސަށް 2009 ވަނަ އަހަރުން ފެށިގެން 22 މާޗު 2012ގެ ނިޔަލަށް 1600000ރ. ދެއްވާފައިވީ ނަމަވެސް އެ މުއްދަތުގެ ތެރޭގައި ގައުމީ އިދާރާގެ ބަޖެޓުން ހަރަދު ކުރަށްވައިގެން އެބޭފުޅުންގެ އަމިއްލަ އެކަމޮޑޭޝަނަށްގެ ގޮތުގައި ކ. މާފުށީގައި ތިން ގެއެއް ކުއްޔަށް ހިއްޕަވައިގެން އެތަންތަނުގެ ކުލީގެ ގޮތުގައި ގާނޫނާއި ގަވާއިދާ ހިލާފަށް 2،102،062ރ. ހަރަދު ކޮށްފައިވެ އެވެ.
މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ 2011 ވަނަ އަހަރުގެ ބަޖެޓުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 3.2 މިލިޔަން ރުފިޔާ ހަރަދު ކުރެވިފައިވާ އިރު އޭގެ ތެރެއިން ބޮޑުބައެއް ހަރަދު ކޮށްފައި ވަނީ ސިޔާސީ މަގާމުގައި ތިއްބެވި ހަތަރު ބޭފުޅެއްގެ މުސާރައާއި އިނާޔަތްތަކަށެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އޮފީހަށް ހާޒިރުވާންޖެހޭ ދުވަސްތަކަށްވުރެ ހާޒިރުނުވާ ދުވަސްތައް ގިނަ ނަމަވެސް އެބޭފުޅުންގެ މުސާރަ އާއި އިނާޔަތްތަކަށް 1.8 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އަދި ހަމަ އެއާއެކު އެ އިދާރާ އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަށްވާފައިވާ ސްޓޭޓް މިނިސްޓަރާއި ސްޓޭޓް މިނިސްޓަރުގެ ނައިބުންނަށް މުސާރަ އާއި އިނާޔަތްތަކެއް ހަމަޖައްސަވާފައިވާ އިރު ގައުމީ އިދާރާގެ ބަޖެޓުން އެބޭފުޅުންގެ އަމިއްލަ ބޭނުންފުޅުތަކަށް ހަރަދު ނުކުރެއްވުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ތަކުރާރުކޮށް އެންގެވުމުން ވެސް ގައުމީ އިދާރާއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއިން އަމަލުކޮށްފައި ނުވާ ކަމަށް އޯޑިޓް އޮފީހުން ނެރުއްވި ރިޕޯޓުގައި ފާހަގަ ކުރަށްވާފައިވެ އެވެ.
އެ އިދާރާގެ ސްޓޭޓް މިނިސްޓަރުގެ އެއް ނާއިބުގެ ގޮތުގައި ހުންނެވީ އދ. މާމިގިލީ، ރަންގިރިޓީގެ އިބްރާހީމް އަބޫބަކުރެވެ.
ރައީސް ނަޝީދުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފޯނު ބިލްތައް ދެއްކުމަށް އެއްވެސް އުސޫލެއް އަދި ކޮންޓްރޯލެއް ނެތި 2009 ވަނަ އަހަރުން ފެށިގެން 2010ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ގައުމީ އިދާރާގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަށްވާފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ފާހަގަ ކުރަރަށްވާފައި ވެއެވެ. އެގޮތުން އޭރުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފޯނު ބިލްތައް ދެއްކުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ގަވާއިދެއް ހަދާފައި ނުވާއިރު ގައުމީ އިދާރާގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މޯބައިލް ފޯނުގެ ބިލްތަކަށް 78413ރ. ދައްކަން ޖެހިފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކުރަށްވާފައިވެ އެވެ.
މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރުގެ ނާއިބަކު ވަޒީފާ އަށް ނިކުތުން ހުއްޓަވާލެއްވިފަހުން މެދު އުތުރު ޕްރޮވިންސްގެ ނަމުގައި ދިރާގުން ނަންގަވާފައިވާ 7796747 ނަންބަރު ފޯނު އޭނާގެ އަމިއްލަ ބޭނުންފުޅުތަކަށް ބޭނުންކުރަށްވަމުން ގެންދެވުމުގެ ސަބަބުން އެފޯނުގެ ބިލަށް 63333ރ. އަރާފައި ވާކަމަށާއި އަދި އެބިލް ދައްކާފައި ނުވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ހަމަ އެއާ އެކު ސްޓޭޓް މިނިސްޓަރުގެ ނައިބަކު ބޭނުން ކުރެއްވި އެއިދާރާގެ ނަމުގައި ނަންގަވާފައިވާ 7778776 ނަންބަރު ފޯނުގެ ބިލަށް 29 މާޗް 2012ގެ ނިޔަލަށް ދައްކަން ޖެހޭ 12080ރ. ދައްކަންޖެހި ނުދައްކައިވާކަން ވެސް އެ އިދާރާގެ އޯޑިޓްރިޕޯޓުގައި ފާހަގަ ކުރަށްވާފައިވެ އެވެ.
ބަނދަރު ހެދުމާއި މަރާމާތުކުރުމަށް ބޭނުންކުރާނޭ އުސޫލްތަކާ ބެހޭގޮތުން މާލެ އަތޮޅާއި އަރިއަތޮޅުގައި ހިންގެވި ވޯކްޝޮޕްގެ ހަރަދުތަކަށް ފައިސާ ދެއްކެވުމަށް ގައުމީ އިދާރާއަށް ލިބުނު 38079ރ. ގައުމީ އިދާރާގެ އޭރުގެ ސްޓޭޓް ސެކްރެޓަރީގެ މަގާމުގައި އޭރު ހުންނެވި ބޭފުޅާ އާއި ހަވާލުކޮށްފައިވީ ނަމަވެސް އެ ފައިސާއަށް ވީނުވީއެއް އެނގިފައި ނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު އަރިއަތޮޅު ދެކުނުބުރިއަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި އަތޮޅު ކައުންސިލަރު އޮފީހަށް ހާޒިރުވެ ވަޑައިގަތުން ހުއްޓަވައިލެއްވުމަށް ފަހު ވެސް ވަޑައި ނުގަންނަވާ ދުވަސްތަކަށް މުސާރަ ނަންގަވާފައި ވާކަމަށް ރިޕޯޓުގައިވެ އެވެ.
އަދި އެ އިދާރާއިން ކުރަށްވާފައިވާ ބައެއް ލޯންޗު ދަތުރު ކުރެއްވީ ކޮންބޭނުމަކުކަން އެނގެން ނެތި ދަތުރުތަކުގެ ތެލަށް، 559910ރ. ގައުމީ އިދާރާގެ ބަޖެޓުން ހަރަދުކޮށްފައިވާ އިރު ދަތުރުތަކުގައި އަމިއްލަ ފަރާތްތަކެއް ބައިވެރިކޮށް އެފަރާތްތަކުގެ ދަތުރު ހަރަދާއި ކޮއްތު ހަރަދުތައް ވެސް ހަމަޖައްސަވާފައި ވަނީ ގައުމީ އިދާރާގެ ބަޖެޓުން ނެވެ. އަދި "އެމްޑީޕީގެ މުޒާހަރާއަށް މާލެއަށް" ދަތުރު ލޮގުފޮތުގައި ނޯޓްކޮށްފައި ވާއިރު އެ ދަތުރަށް ޕެޓްރޯލް ގަތުމަށް 6960ރ ގައުމީ އިދާރާގެ ބަޖެޓުން ހަރަދުކޮށްފައި ވާކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޕްރޮވިންސް އޮފީހުން ނުވަތަ ގައުމީ އިދާރާއިން އެކިއެކި މަސައްކަތްތައް އަމިއްލަ ފަރާތްތައް ލައްވައި ކުރުވާފައި ވާއިރު އެއްބަޔަކު ގުޅިގެން އެކި ނަންނަމުގައި އެސްޓިމޭޓްތައް ހުށަހަޅާފައިވާ ކަމަށާއި އަދި ވަކިފަރާތެއްގެ މަސްލަހަތަށް އިސްކަން ދެއްވައިގެން މަސައްކަތްތައް ހަވާލުކުރުމަށް މަސައްކަތް ކުރަށްވާފައިވާކަން ފާހަގަ ކުރަށްވާފައިވެ އެވެ.
އެގޮތުން ޕްރޮވިންސް އޮފީސް ހިންގެވުމަށް ކުއްޔަށް ހިއްޕެވި ކ. މާފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރާ މަރާމާތުކޮށްދިނުމަށް ހުށަހެޅި އެންމެ ކުޑަ އަގުކަމަށްވާ 357900ރ. އަށް މަސައްކަތް ކޮށްދިނުމަށް ހުށަހެޅި ފަރާތާއެކު އެއްބަސްވުން އެކުލަވާލެއްވި އިރު އެސްޓިމޭޓުގައިވާ އަގަށްވުރެ އިތުރަށް 99752ރ. އިތުރުކޮށްފައިވާ ކަމަށާއި އަދި އެފަރާތަށް އިތުރު މަސައްކަތުގެ ގޮތުގައި ވެސް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް 50500ރ. އެ މަސައްކަތް ކުރި ފަރާތަށް ދެއްވާފައި ވާކަމަށް ވެސް އިއްޔެ އޯޑިޓް އޮފީހުން ނެރުއްވު ރިޕޯޓުގައި ފާހަގަ ކުރަށްވާފައިވެ އެވެ.
މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އަތޮޅުތަށް ހަތް ޕްރޮވިންސަކަށް ބައްސަވައި މާލެ އަތޮޅާއި އަރި އަތޮޅު އުތުރު ބުރިއާއި ދެކުނުބުރި އަދި ފެލިދެ އަތޮޅުގެ ރައްތައް ތަރައްގީ ކޮށް ހިންގުމަށް އޭރުގެ ސަރުކާރުން އުފެއްދެވި ޕްރޮވިންސް އޮފީސްތަކުގެ ބަދަލުގައި ދިވެހިރާއްޖޭގެ އިދާރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އޭރުގެ މެދު އުތުރު ޕްރޮވިންސްގެ ބަދަލުގައި އުފެއްދެވި އިދާރާއެކެވެ.