ބެންޣާޒީ (ފެބްރުއަރީ 18): ލީބިޔާއަކީ ޓެރަރިޒަމްގެ އަމަލުތަކުގެ މަރުކަޒަކަށް ވިޔަ ނުދޭނެ ކަމަށް ވިދާޅުވެ ލީބިޔާގެ މިހާރުގެ އިންތިޤާލި މަރްޙަލާގައި ދައުލަތުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އެގައުމުގެ ކުރީގެ އިދިކޮޅު ލީޑަރު އަދި ޕާލަމެންޓްގެ މިހާރުގެ ރައީސް ޑރ. މުހައްމަދުލްމިޤަރީފް ވާހަކަ ދައްކަވައިފި އެވެ.

ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްގައްޒާފީގެ ވެރިކަމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ފެށި އިންތިފާޟާ އަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބެންޣާޒީގައި ބޭއްވި އިޙްތިފާލެއްގައި ވާހަކަ ދައްކަވަމުން މިޤަރީފް ވިދާޅުވީ ލީބިޔާ ސަރުކާރުގެ ކޮންޓްރޯލުން ބޭރުގައި ހަތިޔާރުއެޅި ގިނަ ޖަމާއަތްތަކެއް ޙަރަކާތްތެރިވި ނަމަވެސް ރަރިޒަމްގެ އަމަލުތަކުގެ މަރުކަޒަކަށް ވިޔަ ނުދޭނެކަމުގަ އެވެ. މިޤަރީފް މިހެން ވިދާޅުވެފައި މި ވަނީ މިދިޔަ މަހު އަލްޖަޒާއިރުގެ ތެލުގެ މަރުކަޒަކަށް ޙަމަލާދީ އެތަނުގައި މަސައްކަތްކުރާ ބޭރު މީހުންނާއި އަލްޖަޒާއިރުގެ އެތައް ސަތޭކަ ބަޔަކު ރަހީނުކުރި އަލްޖަޒާއިރުގެ ހަތިޔާރުއެޅި ޖަމާއަތް އެގައުމަށް ވަދެފައި ވަނީ ލީބިޔާގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ކަމަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ކަމަށް މުރާސިލުން ބުނެ އެވެ.

ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު ލީބިޔާ އަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި މައްސަލައަކީ އަމަން އަމާންކަން ގެއްލި ކޮންޓްރޯލްނެތް ހަތިޔާރުއެޅި ޖަމާއަތްތަކު މަރުކަޒަކަށް ލީބިޔާ ވެފައިވުމެވެ. މިކަމުގެ ސަބަބުން މުޅި ލީބިޔާގައި ބިރުވެރިކަން އުފެދި އާންމުންގެ ދިރުއުޅުމަށާއި ތަރައްޤީގެ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފަ އެވެ. މިގަރީފްގެ ވާހަކާގައި ގައްޒާފީގެ ވެރިކަން ވައްޓާލުމަށް އެހީތެރިވެދިން ލީބިޔާގެ އެންމެހާ ރައްޔިތުންނަށް ޝޫކުރު އަދާކުރައްވައި އެކަމުގެ ތެރޭގައި މަރުވެގޮސްފައިވާ މީހުންނަކީ ޝަހީދުން ކަމަށް ސިފަކުރައްވައި އެމީހުންނަށް ރަޙްމަތްލެއްވުން އެދި ދުޢާކުރެއްވި އެވެ. އަދި ލީބިޔާގައި މިހާރު އޮތް އިންތިޤާލީ ސަރުކާރާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ ޢަމަލުތަކާ ދެކޮޅަށް ހަނގުރާމަކުރައްވާނެ ކަމަށްވެސް މިގަރީފް ވިދާޅުވި އެވެ.

ގައްޒާފީގެ ވެރިކަމާދެކޮޅަށް އެގައުމުގެ ރައްޔިތުން ފެށި އިންތިފާޟާ އަށް ދެއަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބެންޣާޒީ އާއި އެހެން ރައްރަށުގައި ބޭއްވި އިޙްތިފާލްތައް ކުރިޔަށްގޮސްފައި ވަނީ ހަމަނުޖެހުމެއްނެތި އެވެ. (ބީ.ބީ.ސީ)