18 Feb 2013, 02:08
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން އެ ދައުވާ އަކީ "ސިޔާސީ ދައުވާއެއް" ކަމަށް ބުނެ އެދައުވާއާ ދެކޮޅަށް އެމްޑީޕީއިން ރޭ ވެސް ދަން ވާންދެން މުޒާހަރާކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ސަރުކާރުގެ އިސްވެރީންގެ އިސްތިއުފާއަށް ގޮވައި، އަދި ކޯޓްތަކަށް ފާޑުކިޔަމުން ރޭ ކުރިއަށް ގެންދިޔަ ހިނގާލުމުގައި އިސްކޮށް ހުންނެވީ އެމްޑީޕީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރައްވައިފައިވާ ހަސަން އަފީފް އާއި އަދި ރައްޔިތުން މަޖިލީހަށް ނިސްބަތްވާ އެމްޑީޕީގެ ބައެއް މެމްބަރުންނެވެ.
ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ހުއްޓާލުމަށް ގޮވާލަމުން ފެށި ހިނގާލުމުގައި ފުރަތަމަ ނުކުތީ މަޖީދީ މަގަށެވެ. އެއަށްފަހު ގަޑިބުރު ކައިރިއަށާއި ވީޓީވީ ގެ އިތުރުން ރައްޔިތުން މަޖިލިސްކުރާ ގޭ ސަރަހައްދަށް އެއްވުމަށްފަހު މުޒާހަރާގެ ބައިވެރިން މަޑުކޮށްފައި ވަނީ މަޖީދިއްޔާ ސުކޫލު ކައިރީ ސޯސަން މަގުގައި ހުންނަ ލައިޓް ކައިރިއަށެވެ. އެސަރަހައްދުގައި ހުރި ބެރިކޭޑްތައް މުޒާހަރާގެ ބައިވެރިން އުކާލައި ފެންފުޅި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކާހަދާފައިވާއިރު މުޒާހަރާ ނިމުނީ މީހުން މަދުވަމުން މަދުވަމުންގޮސް ރޭ 1:30 ކަންހާއިރުއެވެ.
ރޭގެ މުޒާހަރާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު ފުލުހުންނާއި އާންމުންނާ ދެމެދު އެއްވެސް ކުރިމަތިލުމެއް ވެސް ހިނގާފައެއްނުވެއެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އެމުޒާހަރާ ކަވަރުކުރަން އުޅުނު ވީޓީވީގެ ނޫސްވެރިއެއްގައިގައި ތަޅައި މާރާމާރީ ހިންގާފައެވެ. އެކަމުގެ ސަބަބުން އޭނާއަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބުނު ނަމަވެސް އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާދީފައެވެ. އަދި ރޭގެ މުޒާހަރާ ކަވަރުކުރަންއުޅުނު ޕޮލިސް މީޑިއާގެ ވީޑިއޯ ގުރާފަރެއްގައިގައި މުޒާހަރާގެ ތެރެއިން އެއްލި އެއްޗަކުންޖެހި ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް އޭނާގެ ކޮޑަށް ވެފައިވެއެވެ. މީގެ ކުރީން ވެސް ވަނީ ފުލުހުންގެ ވީޑިއޯ ގުރާފަރަށް މުޒާހަރާގެ ތެރެއިން ހަމަލާދީފައެވެ.
އެހެން ރޭރޭ އެމްޑީޕީއިން ކުރި މުޒާހަރާތަކަށް ވުރެ ރޭގައި އެމްޑީޕީއިން ކުރި މުޒާހަރާގައި ބައި މަދުވި ނަމަވެސް ރޭގައިވެސް ވަނީ ގިނަ އަދެދެއްގެ މީހުން އެމުޒާހަރާގައި ބައިވެރިވެފައެވެ.
ރޭގެ މުޒާހަރާގައި ވާހަކަފުޅު ދެއްކެވި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންގެ ވާހަކަފުޅުގަޔާއި މުޒާހަރާގެ ބައިވެރީންގެ ޝުއޫރުތަކުގެ ތެރޭގައި ވަނީ ރައީސް ނަޝީދަށް މި ސަރުކާރުން ހިމާޔަތް ނުދޭނެ ކަމަށާއި އަދި މިހާރު ކޮށްފައިވާ ދައުވާގައި އެމަނިކުފާނުގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ނުކުރާނެ ކަމަށްބުނެ އަޑުއުފުލައިފަ އެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާއަކީ އެމަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ހެދުމަށް ސިޔާސީ މަގުސަދެއްގައިކޮށްފައިވާ ދައުވާއެއް ކަމަށް ވެސް މުޒާހަރާގެ ބައިވެރިންވަނީ ބުނެފަ އެވެ.
ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލަމުންދާ އިރު އެ ދައުވާ އަނބުރާ ގެންދަވާން ނުވިސްނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދު މިހާރު ހުންނެވީ އިންޑިއާގެ ހިމާޔަތް ހޯދެއްވީ ކަމަށް ބުނެ އިންޑިއާ އެމްބަސީ ތެރޭގައެވެ.