17 Feb 2013, 23:50
ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުނީގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންގެންދާތީ އެ ދެ ކުންފުނީގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އޭސީސީން އިން އެންގި އެންގުން ނިމުމަށް ގެނެސް އެ ދެ ކުންފުނީގެ މަސައްކަތް ފެއްޓުމުގެ ހުއްދަ އޭސީސީ އިން މިއަދު ދީފި އެވެ.
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ ކުރިން އޮތް ދެ ރިސޯޓެއް ރަހުނުކޮށް ނަގާފައިވާ 117 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލަ ހަމަޖެއްސުމަށް ބޭންކުން އުފެއްދި ބީއެމްއެލް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑާއި ބީއެމްއެލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްސަލަ އޭސީސީން ބަލާތީ އެ ކުންފުނީގެ މަސައްކަތްތައް މަޑުޖައްސާލަން މީގެ ކުރިން ބޭންކަށް ވަނީ އަންގައިފަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިރޭ ސަންއޮން ވިދާޅުވީ ބީއެމްއެލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ކުންފުނީގެ މައްސަލަ ބެއްލެވި އިރު އެކަމުގައި ކަރޮޕްޝަންގެ އެއްވެސް އަމަލެއް އުޅޭކަން ސާބިތު ނުވާތީ ކަމަށެވެ. އަދި ވިދާޅުވީ އެ ލޯންނަށް ވުރެ ބޭންކްގައި ބަހައްޓާފައި ހުރި ރަހުނުގެ އަގު އެތައް ގުނައެއް ބޮޑުވާނެ ކަމަށާއި ބޭންކަށް އެންމެ ފައިދާ ހުރި ގޮތަކީ ވެސް އެއީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ލުތުފީ ވިދާޅުވީ އޭސީސީގެ މައްސަލައަކީ ހުރިހާ ފަރާތްތަކާ ދޭތެރޭ ވެސް ބޭންކުން އެއް އުސޫލުން އަމަލު ނުކުރާ މައްސަލަ ކަމަށާއި ނަމަވެސް ދެން އެފަދަ މައްސަލަތަކުގައި އެއް އުސޫލަކުން އަމަލު ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަނެއް މައްސަލައެއްގެ ގޮތުގައި ލުތުފީ ފާހަގަ ކުރެއްވީ އެ ކުންފުނި އުފެއްދި އިރު، ބީއެމްއެލްގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމަށް ހިއްސާއެއް ދީފައިވާ މައްސަލަ އެވެ. ނަމަވެސް އެކަން ވެސް މިހާރު ހަމައަކަށް އަޅުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރި ތަކެތި ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ވަނީ ބީއެމްއެލަށް ދީފަ އެވެ. އެ ލޯނުތަކަށް ގެރެންޓީ ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މ. ރަފީގުގޭ، އަހުމަދު ރަޝީދު އާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑެވެ.
ފުނައްޑޫގެ ނަމުގައި ނަގާފައިވާ ފަސް ލޯނުގެ އަދަދު 117 މިލިއަން ރުފިޔާ އަށް އަރާ އިރު އެ ފައިސާ ދައްކާފައި ނުވާތީ އިންޓަރެސްޓާ އެކު ލޯނުގެ އަދަދު ވަނީ 206 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.