17 Feb 2013, 22:43
ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަނާ ގުޅޭ ގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އިން ނެގި ޔައުމިއްޔާތައް ނުދިނުމަށް ސުޕްރީމް ކޯޓަށް ނުދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިރޭ ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމީ އެ ޔައުމިއްޔާތައް ނުދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ކޮމެޓީ އަށް، ރިޔާސަތާ އެކު ވަޑައިގެންނެވި ހަ މެންބަރުންގެ ތެރެއިން ތިން މެންބަރަކު ވޯޓު ދެއްވާފައި ވަނީ އެ ޔައުމިއްޔާތައް ނުފޮނުވުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ މުޅި ކޮމެޓީގެ ވެސް ވިސްނުމަކީ އެ ޔައުމިއްޔާތައް އާންމު ކުރުމަކީ މައްސަލައެއް ކަމަށާއި ނަމަވެސް ހަމަ އެކަނި ފަނޑިޔާރުން ބައްލަވާލެއްވުމަށް ޔައުމިއްޔާތައް ދެއްވުމަށް ބައެއް ބޭފުޅުން ވަކާލާތު ކުރެއްވި ކަމަށެވެ. އެކަމަކު ހުޅުވިފައިވާ ކޯޓަކަށް ފޮނުވާ ކޮންމެ ލިއެކިޔުމަކީ އާންމުވާނެ އެއްޗެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކޮމެޓީގެ ބައެއް ބޭފުޅުން ހާޒިރު ކުރެއްވީ އެ ބޭފުޅުން ދެއްވާ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން އެ މީހުންނަށް ދެއްވައިގެން ކަމަށެވެ. އެހެން ކަމާ އެކު އެކަމުގައި ފަހުމީގެ މަސްލަހަތަށް ވުރެ ކޮމިޓީ އަށް މައުލޫމާތު ދިން 12 މީހުންގެ މަސްލަހަތު ހިމާޔަތްކުރައްވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ކޯޓު އަމުރަކުން އެ މައުލޫމާތު ދެއްވުމަށް އަންގަވައިފި ނަމަ އެ މައްސަލަ ނިންމަވާނީ މުޅި މަޖިލީހަށް ހުށަހަޅުއްވައިގެން މަޖިލީހުގެ ތަޅުމުން ކަމަށެވެ.
އިތުބާރުނެތްކަމުގެ ވޯޓެއްނަގައި ސިވިލްސާވިސް ކޮމިޝަންގެ މެންބަރުކަމުން ފަހުމީ ވަކިކުރައްވާފައި ވާތީ އޭނާ ވަނީ އެއީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ވިދާޅުވެ މަޖިލީހާ ދެކޮޅަށް ދައުވާ ކުރައްވައިފަ އެވެ. އަދި އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް އަންގަން ދެން ސިވިލްސާވިސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފަ އެވެ.