ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ހިޝާން ހުސެއިން މިރޭ ސަންއަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ ދައުވާގެ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހުގެ ހަވީރު 4:00 އަށް ޝެޑިއުލްކޮށް، ނަޝީދު ހައްޔަރުކޮށްގެން ހުޅުމާލޭ ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރުއްވިކަން އެނގިފައިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެކަން ރަސްމީކޮށް އަދި އަންގާފައިނުވާ ކަމަށެވެ.

ސަރުކާރުގެ ސީނިއާ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ ހުޅުމާލޭ ކޯޓުން ނަޝީދު ބުދަ ދުވަހު ޝަރީއަތަށް ހާޒިރުކޮށް ދިނުމަށް އަމުރުކޮށްފައިވާކަން ސަރުކާރަށް އެނގިފައިވާ ކަމަށެވެ. އަދި އެ މަނިކުފާން ވިދާޅުވީ މި ހާލަތުގައި ނަޝީދު ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ދެއްވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ހަމަ އެހެންމެ އިންޑިއަން ހައި ކޮމިޝަނުން ވެސް އެ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނޫނީ ހައި ކޮމިޝަނުން ނަންގަވަން ޖެހޭނީ އެހެން ޕޮސިޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ނަޝީދު އިންޑިއަން ހައި ކޮމިޝަންގެ ތެރޭގައި އެ ހުންނެވީ އެއްވެސް ހާލަތެއްގައި ހިމާޔަތް ހޯއްދަވައިގެން ނޫން ކަމަށާއި އިންޑިއާ އިން ވެސް އެކަން އެގޮތަށް ބުނެފައި ނުވާ ކަމަށެވެ. އެހެން ކަމާ އެކު އިންޑިއާ އިން އެއްބާރުލުން ދެއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދެވަނަ ފަހަރަށް ފުލުހުންގެ މައްޗަށް ނެރެފައި މި ވަނީ އެ މައްސަލާގައި މިދިޔަ ބުދަ ދުވަހު ޝެޑިލްކުރި ޝަރީއަތުގެ މަޖިލީހަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވަނިކޮށް ނަޝީދު އިންޑިއަން ހައިކޮމިޝަނަށް ވަޑައިގަތުމާ ގުޅިގެން އެ އަމުރު ތަންފީޒު ނުކުރެވިގެން ނެވެ.

ނަޝީދު ހައްޔަރު ކުރުމަށް އަނެއްކާ ވެސް ކޯޓުން އަމުރެއް ނެރެފި ނަމަ އެކަނިކުފާނު މިހާރު ހުންނެވި އިންޑިއާގެ ހައި ކޮމިޝަނަށް ވަނުމުގެ ހުއްދައަކަށް އިންޑިއާގައި އެދޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ މިދިޔަ ބުރާސްފަތި ދުވަހު ސަން އަށް ވަނީ ވިދާޅުވެފަ އެވެ.

ޑރ. ސަމަދު އެ ދުވަހު ވިދާޅުވީ ރައީސް ނަޝީދަކީ "ބޮޑު ކުރިމިނަލް އެއް" ނޫން ކަމަށާއި އެމަނިކުފާނު ހައްޔަރުކުރުމަށްޓަކައި އިންޑިއާގެ ކިބައިން އަދި އެދިފައި ނުވާނެ ކަމަށެވެ. ނަމަވެސް "ދެން އިތުރަށް އެކަހަލަ ކަމެއް" މެދުވެރިވެއްޖެ ނަމަ އިންޑިޔާއާ މަޝްވަރާކޮށް، ހައި ކޮމިޝަނަށް ވަނުމުގެ ހުއްދައަށް އިންޑިއާގައި އެދޭނެ ކަަމަށް ސަމަދު ވިދާޅުވި އެވެ.

"އެ ހިސާބުން ނިނުމީމަ [އިއްޔެ ހަވީރު 4:00 ޖެހުމުން] އެހިސާބުން އެރެސްޓް ވޮރަންޓެއް ނެތޭ އިނގޭތޯ. ދެން އިތުރަށް އެކަހަލަ ކަމެއް އަތުވެއްޖެއްޔާ، އެހީއަކަށް އެދިއްޖެއްޔާ އަޅުގަނޑުމެން [މަޝްވަރާ] ކުރާ ވާހަކަ މިދެންނެވީ،" ސަމަދު ވިދާލުވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގެ ދައުވާ އުފުލާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރެެެއިން ފެށިގެން ގެންދަނީ މުޒާހަރާތައް ކުރަމުންނެވެ. އަދި ނަޝީދުގެ މައްޗަށް ކުރާ އެދައުވާ އަނބުރާ ގެންދިއުމަށް ވެސް އެމްޑީޕީން ގެންދަނީ ގޮވާލަމުންނެވެ.