17 Feb 2013, 18:34
ރީތިރަށް ރިސޯޓުން ފުރައިގެން މާލެ އައި ލޯންޗަކާއި ތެޔޮ ބާޖެއް ޖެހި ހިނގި އެކްސިޑެންޓްގައި މޫދަށް ވެއްޓި ގެއްލުނު މީހާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ ހދ. ކުޅުދުއްފުށީ ޒޭވަރު، ދާއޫދު މުޙައްމަދު 29، މަރުވެފައި އޮއްވާ ފެނުނީ އެކްސިޑެންޓް ހިނގި ސަރަހައްދު ކަމަށްވާ ރީތިރަށް ރިސޯޓު ކައިރިން ކަމަށެވެ.
އެ އެކްސިޑެންޓް ހިނގި އިރު ތެޔޮބާޖުގައި ވެސް ތިން މީހަކު ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަން އެނގިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:45 ހާއިރު އެ އެކްސިޑެންޓް ހިނގި އިރު ލޯންޗުގައި ނުވަ މީހަކު ތިބި ކަމަށެވެ.
ރީތިރަށް ރިސޯޓުގެ މުވައްޒަފުންތަކެއް ގޮވައިގެން މާލެއައި ލޯންޗާއި ތެޔޮ ބާޖާއި ޖެހި ހިނގި އެކްސިޑެންޓްގައި ހަތް މީހަކު ވަނީ ޒަޚަމްވެފަ އެވެ. އަދި އޭގެތެރެ އިން ސީރިއަސް ޒަޚަމްތަކެއް ލިބުނު ދެ މީހަކަށް ވަނީ އޭޑީކޭގައި ވެސް ފަރުވާދީފަ އެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ރީތިރަށުން ފުރައިގެން މާލެއައި ލޯންޗު އާރަށް ކައިރީ އޮތް ތެޔޮބާޖެއްގައި ޖެހި އެވެ.