މީގެ ކުރިން ފެނިފައި ނުވާ ސިފައެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސިފައިގައި ހަދާފައިވާ ކުޅޭކުޅޭ ބުދެއް "ބަރަކިއުލާ"ގެ ނަމުގައި އެމެރިކާގެ ބާޒާރަށް ނެރެފި އެވެ.

ބިރުވެރި ފިލްމު ތަކުގައި މަޝްހޫރު ލޭބޯމީހުން "ވެމްޕަޔާސް" ކެރެކްޓާޒްގެ ތެރެއިން ވެސް އެންމެ މަޝްހޫރު ވެމްޕަޔާ "ޑްރެކިއުލާ"ގެ ނަމާއި ރައީސް ބަރަކް އޮބާމާގެ ނަމުން ބައެއް ހިމަނައިގެން އުފައްދާފައިވާ "ބަރަކިއުލާ" އަށް އިންވި ދިގު ބުދު ބާޒާރަށް ނެރެފައި ވަނީ އެމެރިކާގައި މަޝްހޫރު ކުޅޭ އެއްޗެހި އުފައްދާ ކުންފުންޏެއް ކަމަށްވާ "ހީރޯސް އިން އެކްޝަން ޓޯއީސް" އިން ނެވެ.

މަރުނުވާ ރައީސް "އަންޑެޑް ޕްރެޒިޑެންޓް"ގެ ނަމުގައި ޑްރެކިއުލާ ގޮތަށް ހެދުން އަޅުވާފައި ދިގު ދެދަތް ލާފައި ހުރި ޑިމޮކްރޭޓް ވެމްޕަޔާ ބުދުގެ އަގަކީ 24.99 ޑޮލަރެވެ. އަދި މާކެޓަށް ނެރުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޮންލައިންކޮށް ބަރަކިއުލާ ވިއްކި ގިނަ ސައިޓްތަކުން އޭތި ވިކި ހުސްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބަރަކިއުލާ މިހާރު ވަނީ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެހެން ނަމަސް ރައީސް ބަރަކް އޮބާމާގެ ނުބައި ތަސައްވުރެއް މީސްތަކުންގެ މެދުގައި ފެތުރުމަށް ބޭނުންކުރާ ބޮޑު ޖޯކަކަށް ވެސް ވެފަ އެވެ. އެގޮތުން ބަރަކިއުލާ ސިފަކޮށްދެނީ "ރައީސް އޮބާމާ އުޅުއްވަނީ ޑްރެކިއުލާ ލޭބޯފަދައިން ގައުމުގެ އިގްތިސާދު ހިއްޕަވަން" ކަމަށެވެ.

ޕްރެޒިޑެންޝަލް މޮންސްޓާސް އުފައްދާ ހީރޯސް އިން އެކްޝަން ޓޯއީސްއިން އޮބާމާގެ ކުޅޭކުޅޭ ބުދެއް ބާޒާރަށް ނެރެފައިވާ އިރު ހަމައެ ކުންފުނިން ވަނީ އޮބާމާއާއި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މިޓް ރޮމްނީގެ ބުދެއް ވެސް ބާޒާރަށް ނެރެފަ އެވެ. ރޮބޮޓެއް ސިފަކޮށްދޭ ރޮމްނީގެ ކެރެކްޓާ އަށް ކިޔާފައިވާ ނަމަކީ "ދަ ރޮންމީ" އެވެ.

ޕްރެޒިޑެންޝަލް މޮންސްޓާސް ގެ ތެރޭގައި 1974 ވަނަ އަހަރު މަޝްހޫރު "ވޯޓާގޭޓް ލެގޫން"ގެ މައްސަލައިގައި އޮފީސް ދޫކުރައްވަން ޖެހިވަޑައިގެންނެވި ރައީސް ރިޗަޑް ނިކްސަންގެ "ވޯޓާގޭޓް ލެގޫން މޮންސްޓާ"ގެ އިތުރުން ބިލް ކްލިންޓަން އަށް ނިސްބަތްކޮށް ހަދާފައިވާ "ވުލްފް ބިލް" އާއި ބުޝްއަށް ނިސްބަތްކޮށް ހަދާފައިވާ "ޒޮމްބުޝް"އާއި އަދިވެސް އެމެރިކާގެ ރައީސްކަން ކުރަށްވާފައިވާ ކުރީގެ ރައީސުންގެ އެފަދަ ކުޅޭކުޅޭ ބުދުތައް ހިމެނެ އެވެ.