ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ ސަފީރު ގަބުރިއެއްލާ ކުނާލް އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ގަބްރިއެއްލާ ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވުމާއި ކުރިން އެމަގާމުގައި ހުންނެވި ލިއެންޑްރޯ ޑެސްޕޯއީގެ ޒިޔާރަތަށް ފަހު ކަން ހިނގާފައިވާ ގޮތް ބެއްލެވުމަށް، ( ފޮލޯއަޕް) އަކަށް ކަމަށެވެ.

އަދި އެކަމަނާ ރާއްޖޭގައި ކުރައްވާނެ ކަމަކީ ރާއްޖޭގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަން އޮތް މިންވަރު ވަޒަން ކުރެއްވުމާއި 2008 ވަނަ އަހަރު ރާއްޖޭގައި ތަސްދީގު ކުރި އާ ގާނޫނު އަސާސީއާ ގުޅޭ ގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމު އޮމާންކަމާ އެކު ރަނގަޅަށް ހިނގާތޯ ބެއްލެވުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެގޮތުން ދިވެހި ސަރުކާރާއި ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލުކުރައްވާނެ ކަމަށް ވެސް ބުންޏެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިއަދު ބައްދަލު ކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

އެއޮފީހުން ބުނީ އެބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި އދ.ގެ އެހީތެރިކަމާ އެކު ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމަށެވެ.

ގަބްރިއެއްލާގެ މަސައްކަތްޕުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖޭގެ ޝަރުއީ ނިޒާމާއި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ގޮތުން ހޯއްދެވޭ ހޯއްދެވުންތައް ރިޕޯޓެއްގެ ގޮތުގައި އާއްމުކުރައްވާނެ އެވެ.