ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއަން ހައިކޮމިޝަނުގައި ހުންނެވުމާ ގުޅިގެން ޕީޕީއެމްގެ އަންހެނުން ހަރަކާތުން އިންޑިއަން ހައިކޮމިޝަނަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދީފި އެވެ.

ޕީޕީއެމް އަންހެނުން ހަރަކާތުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އިންޑިޔާ ހައިކޮމިޝަނުން ވަނީ އެކޮމިޝަނުން ތެރޭގައި ނަޝީދު ފިއްލުވާފައި ކަމަށެވެ.

ޕީޕީއެމް އަންހެނުން ހަރަކާތުގެ ކައުންސިލްގައި ހިމެނިވަޑައިގަންވާ ޖުވައިރިއާ އިބްރާހިމް ވިދާޅުވީ ކުރީގެ ރައީސެއް ކަމަށް ވިދާޅުވެ އިންޑިއަން ހައިކޮމިޝަނުން ނަޝީދު ފިއްލުވާފައިވާތީ އެކަން ޕީޕީއެމް އަންހެނުންގެ ހަރަކާތުން ކުށްވެރިކުރާ ކަމަށެވެ.

" އިންޑިއަން އެމްބަސީން ރާއްޖޭގެ ވެރިކަން ކޮށްފައިހުރި ވެރިއެކޭ ކިޔާފައި އެމަނިކުފާނު އެމްބަސީއަށް ވައްދައިގެން ފިއްލުވައިގެން މި އުޅޭ އުޅުމަކީ އަޅުގަނޑުމެންގެ ޕީޕީއެމްގެ އަންހެނުންގެ ހަރަކާތުން ވަރަށް ވަރަށް ކުށްވެރިކުރާ ކަމެއް،" ޖުވައިރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުށްވެރީނަށް ހިމާޔަތްދޭ އެމްބަސީތައް ކަމަށް ވާ ނަމަ ރާއްޖޭގެ ޖަލުތަކުގައި ތިބި ކުށްވެރީނަށް ހިމާޔަތްދިނުމަށް ވެސް އެމްބސީތަކަށް ގޮވާލާ ކަމަށެވެ.

" ބޭރުގެ ގައުމުތަކުގެ އެމްބަސީތަކަށް ވެސް އަޅުގަނޑު ގޮވާލަން ކުށްވެރީނަށް ހިމާޔަތްދޭ އެމްބަސީތައް ވެއްޖެއްޔާ ރާއްޖޭގައި ތިބި ހުރިހާ ކުށްވެރީން ގެނެސްފައި އެބޭފުޅުންގެ މައްސަލަތައް އޮތީ ކިހިނެތްތޯ ބަލާފައި އެއީ ކުށްވެރީންތޯ ކުށްވެރީން ނޫންތޯ ބައްލަވާފައި ހިމާޔަތްދޭން، މި ކަން މިފެންނަމުންދަނީ. މިއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާކަމެއް " އިންޑިޔާ ހައިކޮމިޝަނަށް އިޝާރަތް ކުރައްވައި ޖުވައިރިޔާ ވިދާޅުވި އެވެ.

ޕީޕީއެމް އަންހެނުންގެ ހަރަކާތުން ވަނީ އެމްޑީޕީން ސިލްސިލާކޮށް މާލެގައި މިހާރު ކުރަމުންދާ މުޒާހަރާގައި ރައްޔިތުނަށާއި އާންމުންނަށް ގެއްލުން ވަމުން ދާތީ އެކަން " ހަރުކަށި " އިބާރާތުން ކުށްވެރިކޮށް މުޒާހަރާތައް ހުއްޓައިލުމަށް ގޮވާލައިފަ އެވެ.