17 Feb 2013, 16:22
ރީތިރަށް ރިސޯޓުން ފުރައިގެން މާލެ އައި ލޯންޗަކާއި ތެޔޮ ބާޖެއް ޖެހި ހިނގި އެކްސިޑެންޓްގައި މޫދަށް ވެއްޓި ގެއްލުނު މީހަކު ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށީ ޒޭވަރު، ދާއޫދު މުޙައްމަދު 29، ކަމަށެވެ. އެ އެކްސިޑެންޓް ހިނގި އިރު ތެޔޮބާޖުގައި ވެސް ތިން މީހަކު ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަން އެނގިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފް މިއަދު ވިދާޅުވީ މިއަދު ހެނދުނު އެ އެކްސިޑެންޓް ހިނގި އިރު ލޯންޗުގައި ނުވަ މީހަކު ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ލޯންޗުން ދަތުރު ކުރި އެކަކު މަދުކަމަށް ލޯންޗުގެ ކައްޕި އާއި ރީތި ރަށް ރިސޯޓުން ވެސް ބުނަމުންދާތީ އެ އެމީހާގެ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަނީފް ވިދާޅުވި އެވެ.
ރީތިރަށް ރިސޯޓުގެ މުވައްޒަފުންތަކެއް ގޮވައިގެން މާލެއައި ލޯންޗާއި ތެޔޮ ބާޖާއި ޖެހި ހިނގި އެކްސިޑެންޓްގައި ހަތް މީހަކު ވަނީ ޒަޚަމްވެފަ އެވެ. އަދި އޭގެތެރެ އިން ސީރިއަސް ޒަޚަމްތަކެއް ލިބުނު ދެ މީހަކަށް ވަނީ އޭޑީކޭގައި ވެސް ފަރުވާދީފަ އެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ރީތިރަށުން ފުރައިގެން މާލެއައި ލޯންޗު އާރަށް ކައިރީ އޮތް ތެޔޮބާޖެއްގައި ޖެހި އެވެ.