ރާއްޖޭގެ ޝަރުއީ ނިޒާމަކީ ވަކިފަރާތަކަށް ޖެހިފައިވާ ނުކުޅެދުންތެރިކަން ހުރި ނިޒާމެއްކަމަށް ބުނެ، އެނިޒާމާ މެދު ހުޝިޔާރު ވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) އިން ދުނިޔެއަށް ގޮވާލައިފިއެވެ.

އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި މިހާރު އޮތް ޝަރުއީ ނިޒާމު އޮތް ގޮތުގެ ސަބަބުން ރައީސް މުހައްމަދު ނަޝީދަށް އިންސާފުވެރި ޝަރީއަތެއް ލިއްބައި ނުދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ރާއްޖޭގެ ޢަދުލު އިންސާފުގެ އޮނިގަނޑުގައި ހުރި ނިޒާމީ ނުކުޅެދުންތެރިކަމާއި، ވަކި ފަރާތަކަށް ޖެހުމުގެ ޢަމަލުތަކުގެ މައްޗަށް ބައިނަލްއަޤްވާމީ ދުނިޔެއިން ހުޝިޔާރުކަމާއެކު، ފާރަވެރިވެ އޮތުމަށް އެމްޑީޕީއިން ގޮވާލާ ކަމަށެވެ.

" ....އެހެންކަމުން އދގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީއިންނާއި، އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް އާއި، އެމްނެސްޓީ އިންޓަރނޭޝަނަލް އަދި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް ފަދަ ނަން ހިނގާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ޖަމާޢަތްތަކާއި، މުއައްސަސާތަކުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ޢަދުލް އިންސާފުގެ އޮނިގަނޑުގައި ހުރި ނިޒާމީ ނުކުޅެދުންތެރިކަމާއި، ވަކި ފަރާތަކަށް ޖެހުމުގެ ޢަމަލުތަކުގެ މައްޗަށް ބައިނަލްއަޤްވާމީ ދުނިޔެއިން ހުޝިޔާރުކަމާއެކު، ފާރަވެރިވެ އޮތުމަށް އެމްޑީޕީއިން ގޮވައިލާ،" ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ޝަރުއީ ނިޒާމު ވަކިފަރާތަކަށް ޖެހިފައިވާކަމަށް އެޕާޓީއަށް ގަބޫލުކުރެވޭ ސަބަބުތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައި ވެއެވެ.