އިމާރާތް ކުރަން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާ އައިޖީއެމްއެޗްގެ 11 ބުރީގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނަށް 68 މިލިއަން ރުފިޔާ އަށް މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު އެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެގްރިމެންޓްގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަބްދުﷲ މުހަންމަދެވެ.

އެ ހަފްލާގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ތަފާތު އެކި ސަބަބުތަކަށް ފަހު ހުއްޓިފައިވާ އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ނިންމުމަށް ދެ ވަނަ ވަނަ ފަހަރަށް އަމީން ކޮންސްޓްރަކްޝަން ކުންފުންޏާ މިއަދު ހަވާލުކޮށްފައިވާ އިރު އެ މަސައްކަތް މިއަދު ހަވާލުކޮށްފައި ވަނީ އެކަމަށް ބޭނުންވާ ފައިސާ ވެސް ހޯދައިގެން ކަމަށެވެ.

"މި ޕްރޮޖެކްޓަކީ އައިޖީއެމްއެޗްގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ޕްރައިވެޓް ރޫމްތައް އެޅުމަށް ފަށާފައިވާ ޕުރޮޖެކްޓެއް. އަޅުގަނޑުމެން މި ޕްރޮޖެކްޓަށް ބޮޑެތި ބަދަލުތަކެއް މިގެނައީ. މިބަދަލުގެނައި އިރު ކޮންކްރިޓް މަސައްކަތާއި ރޭނުމުގެ ބޮޑުބައެއް ވަނީ ނިމިފައި،" ޖަމްޝީދު ވިދާޅުވި އެވެ.

ޖަމްޝީދު ވިދާޅުވީ އެ މަސައްކަތް މި ފަހަރު ހަވާލުކޮށްފައި ވަނީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމާލާ ގޮތަށް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އިސްލާމިކް ބޭންކްގެ ލޯނެއްގެ އުސޫލުގެ ދަށުން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ކޮންސްޓްރަކްޝަންގެ އެމްޑީ އަބްދުﷲ މުހަންމަދު ވިދާޅުވީ މިހާތަނަށް ވެސް މަސައްކަތް ހުއްޓިފައި ވަނީ އެ ކުންފުންޏަށް ލިބެން ޖެހޭ ޕޭމަންޓްތައް ނުލިބޭތީ ކަމަށާއި މިފަހަރު އެފަދަ މައްސަލަތަކެއް ދިމާނުވެ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މާދަމާ އެ އިމާރާތުގެ މަސައްކަތް ފެށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި މައިންނާއި ދަރިންނަށް ހާއްސަ ކޮށްގެން އަލަށް އިމާރާތްކުރާ 11 ބުރީގެ އެ އިމަރާތުގައި 112 އެނދު ހުންނަ އިރު އޮޕަރޭޝަން ތިއޭޓަރުގެ ތިން ތިއޭޓަރު ހުރެ އެވެ.

ފައިސާގެ ދަތިކަމާ ހުރެ އެ އިމާރާތުގެ މަސައްކަތް ނުނިމި ހުންނަތާ މިހާރު ހަ އަހަރު ވެއްޖެ އެވެ.