17 Feb 2013, 15:48
ސައުތު ކޮރެއާގައި "މޫނީ ވެޑިން"ގެ ނަމުގައި ބޭއްވުނު ކައިވެނީގެ ބޮޑު ހަފުލާއެއްގައި އެތައް ހާސްބަޔަކު އެއްފަހަރާ ކައިވެނި ކޮށްފި އެވެ.
މޫނީ ވެޑިން އަކީ ކޮރެއާއަށް އުފަން ނަސާރާ ދީނުގެ ފާދިރީއެއް ކަމަށްވާ "ސަން މުޔަން މޫން" އަށް ނިސްބަތްވާގޮތަށް އޭނާއަށް ތަބާވާ މީހުންނަށް ހާއްސަ ކޮށްގެން އޭނާ އުފެއްދި "ޔުނިފިކޭޝަން ޗާޗް" އިން އިންތިޒާމް ކޮށްގެން ބާއްވާ ކައިވެނީގެ ހާއްސަ ހަފްލާ އެކެވެ. މޫން ވަނީ އުމުރުން 92 އަހަރުގައި ނިއުމޯނިޔާ ޖެހިގެން ފާއިތުވި އަހަރު ސެޕްޓެމްބަރު މަހު ތިންވަނަ ދުވަހު މަރުވެފަ އެވެ.
މިފަހަރު މި ބޭއްވުނު ކައިވެނީގެ ހަފްލާއަކީ ސަން މުޔަން މޫން މަރުވިފަހުން އޭނާގެ ޔުނިފިކޭޝަން ޗާޗް އިން އިންތިޒާމްކޮށްގެން ބޭއްވުނު މިފަދަ ބޮޑު ފުރަތަމަ ކައިވެނީގެ ހަފްލާއެވެ. "މޫނީސް"ގެ ނަމުން ނަންދެވިފައިވާ މި ޖަމާއަތުގެ މީހުންގެ ކައިވެނި މީގެ ކުރިން ކޮށްދެނީ މޫން އާއި އޭނާގެ އަބިމީހާއާއި ދެމީހުން ވެގެން ނެވެ. އެކަމަކު މިފަހަރުގެ ކައިވެނީގެ ހަފްލާގައި އިސްކޮށް ހުރީ މޫންގެ ހުވަފަތް އަނބި "ހަކް-ޖަހާން" އެވެ.
ކޮރެއާގެ ވެރިރަށް ސޯލްގެ އިރު –އުތުރު އަވަށެއް ކަމަށްވާ ޖަޕިޔޯންގައި ބޭއްވުނު ހަފްލާގައި އެއްވައްތަރަށް ހެދުން އަޅައިގެން 3500 ޖޯޑު ބައިވެރިވީ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ 24000 ޖޯޑުވަނީ ވީޑިއޯ ލިންކުގެ ޒަރީއާއިން ކައިވެނީ އެ ހަފްލާގައި ބައިވެރިވެފަ އެވެ. އަދި ކައިވެނި ކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ފައްޅީގެ މެންބަރުންގެ ތެރެއިން 400 މީހުން އެމީހުންގެ ބައިވެރިންގެ ގޮތުގައި އިހްތިޔާރު ކޮށްފައިވަނީ އެ ފައްޅީގެ މެންބަރުންނެވެ. އެއީ ހަކް-ޖަހާން އަށް ތަބާ ވުމުގެ ގޮތުން ކަމަށް ވެއެވެ.
"މޫނީ މާސް ވެޑިން" އެންމެ ފުރަތަމަ ބާއްވަން ފަށާފައި ވަނީ 1960ގެ ކުރީ ކޮޅުގައެވެ. އަދި އެހަރަކާތް ފުޅާވަމުން ގޮސް 1997 ވަނަ އަހަރު އެމެރިކާގެ ވޮޝިންޓަންގައި އެ ޖަމާއަތައް ތަބާވާ 30000 ޖޯޑުވަނީ އެއްފަހަރާ ކައިވެނި ކޮށްފަ އެވެ.
ޔުނިފިކެއިޝަން ޗާޗް އަކީ ނަސާރާ ދީނަށް ތަބައުވާ މީހުން އެއްބައިވަންތަކުރުމާއި އަދި އެދީނުގެ އަސްލު ދެމަހައްޓާ މީހުންކަމަށް ބުނެ ސަން މުޔަން މޫން ކޮރެއާގައި 1954ގައި ކޮރެއާގައި ފެށި ހަރަކާތެކެވެ. އަދި މޫން ދައުވާ ކުރާގޮތުގައި އޭނާއަކީ އަލަށް އޭނާ އުފަންކުރި ނަސާރާދީން "ޔުނިފިކެއިޝަން ޗާޗް"ގެ މަސީހާވެސް މެއެވެ.
ފައިބެ އަހަރު މޫން މަރުވި އިރު ޔުނިފިކެއިޝަން ޗާޗްއަކީ މަލްޓި ބިލިޔަން ޑޮލަރުގެ ބޮޑު ވިޔަފާރިއަކަށް ވަނީ ވެފައެވެ. އަދި ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ޔުނިފިކެއިޝަން ފައްޅިއަކީ އެޖަމާއަތަށް ތަބާވާ މީހުންގެ "ސިކުނޑި ދޮވެލައި" އަދި އެމީހުންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ އަތުލައި އަދި ފަސާދައިގެ އެތައް ޖަރީމާއެއް ހިންގާ ޖަމާއަތެކެވެ.