17 Feb 2013, 15:44
ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަމުންދާ އިރު، އެކަމަށް ހުރަސް ނޭޅުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އެމްޑީޕީން މިހާރު މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ފުލުހުންނާއި އާންމުންގެ ދެމެދުގައި ކުރިމަތިލުންތައް ހިނގައި ބައެއް ފުލުހުންނާއި އާންމުނަށް އަނިޔާވަމުންދާކަން ފާހަގަކުރެވޭ ކަމަށް ބުނެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެފަދަ އަނިޔާތައް ލިބެން ގިނަ ފަހަރަށް މެދުވެރިވެފައި ވަނީ ފުލުހުން މުޒާހަރާ ރޫޅާލަން ފިޔަވަޅު އަޅާ ވަގުތުތަކުގައި ކަމަށެވެ. އަދި މިހާތަނަށް މުޒާހަރާތައް ރޫޅާލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައި އެއްވުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވާލާފައި ވަންނަން އުޅުމުގެ ސަބަބުންކަން ފާހަގަ ކުރެވިފައިވާ ކަމަށް އެކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ވަކި ކަހަލަ ހާލަތްތަކެއްގައި މުޒާހަރާގެ ބައިވެރިން އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރެއިން ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކޮށް ޝުޢޫރުފާޅު ކުރުމަށާއި ފުލުހުން ގާނޫނީ ވާޖިބު އަދާކުރަމުންދާ އިރު އެކަމަށް ހުރަސް ނޭޅުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ފުލުހުން ވެސް ގާނޫނީ ވާޖިބު އަދާކުރުމުގައި ކޮންމެ ހާލަތެއްގައި ވެސް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށާއި ކޮންމެހެން ބޭނުން ކުރަން ޖެހޭ މިންވަރަށް ނޫނީ ބާރުގެ ބޭނުން ނުކުރުމަށް ވެސް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގައި މިހާތަނަށް ތިން ރޭ މަތިން 84 މީހަކު ހައްޔަރުކޮށްފައިވާ އިރު، ކޯޓު އަމުރުގެ ދަށުން ފުލުހުންގެ ހައްޔަރުގައި ތިބީ 16 މީހެކެވެ. އޭގެ ތެރޭ ހިމެނެނީ ހުސް ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.