17 Feb 2013, 15:19
މޯލްޑިވިއަންގެ ފުލައިޓްކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު މެންދުރު ފުރަން ހަމަޖެހިފައިވާ ބަޔަކަށް ނުފުރި އެއާޕޯޓްގައި ތާށިވެއްޖެއެވެ.
ސަން އަށް އެގިފައިވާގޮތުގައި މިއަދު މެންދުރު 1:00 ޖަހާކަންހާއިރު ފުރާން ހަމަޖެހިފައިވާ އެބޯޓަށް ނުފުރިފައިވަނީ އެބޯޓްގެ ބައެއް ހަލާކުވެގެންނެވެ. އަދި އެބޯޓަށް މި ދިމާވި މައްސަލައާ ގުޅިގެން ނުފުރި ގިނަ އަދަދެއްގެ ދިވެހީނާއި ޓޫރިސްޓުން ވެސް ތިބި ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ މިއަދު މެންދުރު ގަމުން މާލެ އައުމަށް ފުރާން ހަމަޖެހިފައިވާ މޯލްޑިވިއަންގެ ބޯޓަށް ނުފުރިފައިވަނީ އެބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މައްސަލަ ދިމާވެފައިވަނީ ޑޭޝް 300 ގެ 50 ސީޓްގެ ބޯޓަކަށް ކަމަށެވެ.
"ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެބޯޓަށް ނުފުރުނީ، މިހާރު ބޯޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ފުލައިޓަށް ވާނެގޮތަކީ ކިރިޔާ މައްސަލައެއް ޖެހުނަސް ނުފުރޭނެ އެހެންވެ ނުފުރުނީ" ނަޝާތު ވިދާޅުވިއެވެ.
އެ ފްލައިޓަށް ދިމާވި މައްސަލައިގެ ތަފްސީލެއް ނަޝާތު ނުދެއްވާއިރު ނަޝާތު ވިދާޅުވީ ނުފުރި ގަމުގައި ތާށިވެފައިވާ މީހުން ގެނައުމަށް އެކުންފުނީގެ އާ ބޯޓު އޭ 320 މިހާރު ގަމަށް ދަތުރު ކުރަމުންދާ ކަމަށެވެ.