17 Feb 2013, 15:01
މާކޯ ރެއުސްގެ ހެޓްރިކާ އެކު ޖަރުމަން ބުންޑަސްލީގާގައި އެންޓްރަޗްޓް ފްރެންކްފާޓާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ބޮރޫސިއާ ޑޮޓްމުންޑް ކުޅުނު މެޗުން ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.
މިވަގުތު ލީގުގެ ދެވަނައިގައި އޮތް ޑޮޓްމުންޑުން ހަތަރުވަނައިގައި އޮތް ފްރެންކްފާޓް ކޮޅަށް ފުރަތަމަ ލަނޑު ޖަހައި ލީޑް ފުޅާ ކުރީ އަށްވަނަ މިނެޓްގައެވެ. އޭގެ މިނެޓެއް ފަހުން ރެއުސް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު، ރެއުސްގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 65 ވަނަ މިނެޓްގަ އެވެ. މިމެޗުން 3-0 ލަނޑުން ފްރެންކްފާޓް ބަލިވި ނަމަވެސް އެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިފައި ވެއެވެ.
ޑޯޓްމުންޑްގެ ފަހަތުން ތިންވަނައިގައި ވިއްދައިފައިވާ ބަޔާން ލެވަކޫސަނުން ވެސް ވަނީ ރޭ މޮޅުވެފަ އެވެ. އެފްސީ އޮގްސްބާގާ ދެކޮޅަށް ކުޅުނު މެޗުން ލެވަކޫސަން މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ 26 ވަނަ މިނެޓްފެ ސްޓެފަން ކިއެބްލިންގް ލެވަކޫސަނަށް ލީޑް ހޯދައިންދިން އިރު، މެޗުގެ 75 ވަނަ މިނެޓްގައި އެޓީމަށް ލީޑް ފުޅާކޮށްދިނީ ލާސް ބެންޑާ އެވެ. އޮގްސްބާގްގެ ހަމައެކަނި ލަނޑު މެޗު ނިމޭން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ސަސްޗާ މޯލްޑާސް އެވެ.
ވާޑާ ބްރެމަން ވަނީ އެސްސީ ފްރޭބާގާ ދެކޮޅަށް ކުޅުނު މެޗުން 2-3 ލަނޑުން ބަލިވެފައެވެ. މެޗުގެ 36 ވަނަ މިނެޓްގައި މެކްސް ކްރޫސޭ ފްރޭބާގަށް ލީޑު ހޯދައިންދިން ނަމަވެސް އޭގެ ތިން މިނެޓް ފަހުން ބްރޭމަންގެ ނީލް ޕެޓަސަން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 54 ވަނަ މިނެޓްގައި ފްރޭބާގަށް ލިބުނު ޕެނަލްޓީއަކުން ޑެނިއަލް ކަލިގިއުރީ އަލުން ލީޑު ހޯދައިދިނެވެ. އޭގެ އެގާރަ މިނެޓްފަހުން ބްރޭމަނަށް ޕެޓަސަން އަލުން ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ނަމަވެސް މެޗުގެ 71 ވަނަ މިނެޓްގައި މަތިއަސް ގިންޓާ ވަނީ ފްރޭބާގަށް އަލުން ލީޑް ހޯދައި ދީފަ އެވެ.
މާއިންޒާ ދެކޮޅަށް ޝާލްކޭ ކުޅުނު މެޗު ނިމިގެން ދިޔައީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ. މެޗުގެ 27 ވަނަ މިނެޓްގައި މާއިންޒަށް ލީޑު ހޯދައި ދިނީ އަންދްރީސް އިވަންސްޗިޓްސް އެވެ. މެޗުގެ ފުރަތަމަ ހާފް ނިމޭން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މިޝެލް ބަސްޓޯސް ވަނީ ޝާލްކޭއަށް ނަތީޖާ ހަމަ ކޮށްދީފައެވެ. މެޗުގެ 63 ވަނަ މިނެޓްގައި ޒްޑެނެކް ޕޮސްޕެޗް މާއިންޒަށް އަލުން ލީޑް ހޯދައިދިނެވެ. ނަމަވެސް އަލުން ޝާލްކޭއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ބަސްޓޯސްއެވެ.
ބުންޑަސްލީގާގެ އެއްވަނާގައި އެއްވަނާގައި ބަޔާން މިއުނިކް އޮތީ ފަނަރަ ޕޮއިންޓްގެ ލީޑެއްގަ އެވެ. ދެވަނާގައި އޮތް ޑޯޓްމުންޑަށް 42 ޕޮއިންޓް ލިބިފައިވާއިރު، 41 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައި އޮތީ ބަޔާން ލެވަކޫސަން އެވެ.