ސްޕެއިންގެ ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ ޖަރުމަން ބަޔާން މިއުނިކާ ގުޅުނު ނަމަވެސް އެކްލަބުން ބާސާގެ ކުޅުން ކުޅޭން ނުޖެހޭނެ ކަމަށް ބަޔާންގެ ހަވީ މާޓިނޭޒް ބުނެފި އެވެ.

އަންނަ ސީޒަންގައި ބަޔާންގެ މިހާރުގެ ކޯޗް ޔުޕް ހޭންކޭސްގެ ބަދަލުގައި ކުރިން ބާސާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗް ގާޑިއޯލާ ހަވާލުވާނެ ކަމަށް މިދިޔަ މަހު 16 ވަނަ ދުވަހު ބަޔާނުން ވަނީ އިޢުލާން ކޮށްފަ އެވެ.

"ސުވާލަކީ އަހަރެމެން ކުޅޭނީ ގާޑިއޯލާގެ ބާސާ ކުޅޭ ގޮތަށްތޯ؟ ބަޔާނުން މިހާރު ވެސް ކުޅެމުން ދަނީ ރަނގަޅު ކުޅުމެއް. އަންނަ ސީޒަންގައި ގާޑިއޯލާ ކްލަބާ ގުޅޭތީ ޓީމްގެ ހުރިހާ ކުޅުންތެރީން ވެސް ތިބީ އުފާވެފައި." މާޓީނޭޒް ބުންޏެވެ.

އެތުލެޓިކޯ ބިލްބާއޯއަށް ކުޅުމަށް ފަހު، މި ސީޒަންގައި ބަޔާނާ ގުޅުނު މާޓިނޭޒަށް ދެއްކެމުންދާ ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. "އަހަރެން ބަޔާނާ ސޮއިކުރި ދުވަސްކޮޅު ހުރީ ބިރުން. އެކަމަކު މިހާރު ކަންތައްތައް ދަނީ ވަރަށް ރަނގަޅަށް. އަދި އަހަރެންނަށް ދެއްކޭ ކުޅުން ވެސް ރަނގަޅު ކަމަށް އަހަރެން ގަބޫލުކުރަން. ބަޔާނަކީ ބޮޑު ކްލަބެއް. އަހަރެންނަށް ދައްކާ 40 މިލިއަން ޔޫރޯގެ ފީގެ މަތިން ހަނދާން ނައްތާލާށޭ ބަޔާނުން އަހަރެން ކައިރީ ބުނި،" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް އިތުރަށް ބުނީ، ޗެމްޕިއަންސް ލީގުގައި އޭނާ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާން ބޭނުންވާ ކަމަށެވެ. "އަހަރެން ބޮޑުވަމުން ދިޔައިރު ރެއާލް މެޑްރިޑާއި ބަޔާންގެ ވާދަވެރި މެޗުތައް ބަލަމުން ދިޔައިން. މިހާރު އަހަރެން ބޭނުންވަނީ ބަޔާންގައި ހުރެ މެޑްރިޑާ ދެކޮޅަށް ކުޅޭން،" މާޓިނޭޒް ބުންޏެވެ.

މި ވަގުތު ބަޔާން އޮތީ ޖަރުމަން ބުންޑަސްލީގާގެ އެއްވަނައިގައެވެ. ބަޔާނުން ދެން ނުކުންނާން ޖެހޭނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ރައުންޑްގެ ބުރުގައެވެ. ޗެމްޕިއަންސް ލީގުގައި އަންނަ އަންގާރަ ދުވަހު އާސެނަލްއާ ދެކޮޅަށް ބަޔާން ނުކުންނާނީ ރަށުން ބޭރުގައެވެ.