17 Feb 2013, 14:35
ފާއިތުވި ދެ އަހަރު ދުވަހު ކުރިމަތިލާން ޖެހުނު އަނިޔާތަކަށް ފަހު، ސެރީނާ ވިލިއަމްސް އަލުން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމް ހޯދައިފި އެވެ.
ރޭންކިންގެ އެއްވަނައަށް ސެރީނާ އެރީ ގަތަރު އޯޕަންގެ ކުއާޓާ ފައިނަލްގައި ކުރީގެ ވިމްބަލްޑަން އަންހެން ޗެމްޕިއަން ޕެޓްރާ ކްވިޓޯވާގެ މައްޗަށް ކުރި ހޯދުމަށް ފަހުއެވެ. އެމެޗު ސެރީނާ ކާމިޔާބުކުރީ 3-6، 6-3 އަދި 7-5 އިންނެވެ. ރޭންކިންގް އެއްވަނައިގައި އޮތް ވިކްޓޯރިއާ އަޒަރެންކާގެ މައްޗަށް އަރާން ސެރީނާއަށް ޖެހުނީ ގަތަރު އޯޕަންގެ ސެމީ ފައިނަލަށް ދަތުރުކުރުމަށެވެ.
ކުއާޓާ ފައިނަލުގެ މެޗަށްފަހު ސެރީނާގެ ލޮލުން ކަރުނަ އައިސްފައިވާތަން ޓެނިސް ކޯޓަށް ހާޒިރުވެތިބި ގިނަ ބަޔަކަށް ފެނިގެންދިޔަ އެވެ. "އަލުން މިހާ ހިސާބަށް އާދެވިދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން. އަހަރެން ގިނަ ކަންތައްތަކަކާ ކުރިމަތިލިން. އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ." ސެރީނާ ބުންޏެވެ.
އުމުރުން 31 އަހަރުގެ ސެރީނާއަށް ވަނީ އިތުރު ޝަރަފެއް ވެސް ލިބިފަ އެވެ. ސެރީނާ އަކީ މިހާރު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާކަން ހޯދި އެންމެ ދުވަސްވީ އަންހެން ކުޅުންތެރިޔާ ވެސް މެއެވެ. ކުރިން އެންމެ ދުވަސްވީ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމު ހޯދައިފައި ވަނީ ކްރިސް އެވާޓް އެވެ. އެއީ 1985 ވަނަ އަހަރު އެވެ.
ސެރީނާގެ ޓެނިސް ކެރިޔަރުގައި އޭނާ ވަނީ ހަތަރު ޔޫއެސް އޯޕަން އާއި، ފަސް ވިމްބަލްޑަން އާއި، އޮސްޓްރޭލިއަން އޯޕަންގެ ފަސް މުބާރާތުގެ އިތުރުން އެއްފަހަރު ފްރެންޗް އޯޕަން ކާމިޔާބުކޮށްފަ އެވެ. އަދި ސެރީނާގެ ދައްތަ ވީނަސް ވިލިއަމްސް އާއެކު ޑަބަލްސް ޓެނިސް މުބާރާތްތައް ގިނަ ފަހަރަކު ކާމިޔާބުކޮށްފައި ވެއެވެ. އެގޮތުން ދެ ފްރެންޗް އޯޕަން އާއި ދެ ޔޫއެސް އޯޕަން އާއި ފަސް ވިމްބަލްޑަންގެ އިތުރުން ހަތަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައި ވެއެވެ.