17 Feb 2013, 14:30
އދ. ދަނގެތީގައި ވައްކަންތަކެއްކޮށް އިންޑިއާ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ބަންގުލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
ދަނގެތީ ކައުންސިލުން ބުނީ އެ މައްސަލައާ ގުޅިގެން އެ ރަށުން ހައްޔަރު ކުރީ ބަންގުލަދޭޝް މީހެއް ކަމަށެވެ.
ބަނގުލަދޭޝް މީހަކު އެ މައްސަލައިގައި ހައްޔަރު ކުރި އިރު، ހަމަ އެ މައްސަލައިގައި ދަނގެތިން ތިން މީހަކު ވެސް ވަނީ މިދިޔަ ހަފްތާތެރޭ ހައްޔަރުކޮށްފަ އެވެ.
ދަނގެތި ކައުންސިލްގެ ރައީސް އާޒިމް އާދަމް ވިދާޅުވީ ފުލުހުން ރޭ ބަނގުލަދޭޝް މީހާ ހައްޔަރުކުރީ އެ ރަށުގައި ކުރިއަށްގެންދާ އޮޕަރޭޝަނުގެ ދަށުން އެރަށުން ފުރާ އުޅަނދު ބަލައި ފާސްކުރުމަށް ކުރިއަށްގެން ދިޔަ އޮޕަރޭޝަނުގައި ރޭ ފުރި އުޅަނދެއް ބަލައި ފާސްކުރި އިރު އެވެ. އަދި ވޭތިވެދިޔަ ހަފްތާގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ތަކެތި ބަންގުލަދޭޝް މީހާގެ ފޮށިތަންމަތި ބަލައިފާސްކުރި އިރު ފެނިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ދަނގެތިން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު ގެއެއްގައި މަސައްކަތް ކުރާ ބަނގުލަދޭޝް މީހާ ހައްޔަރުކޮށްގެން އެ އަތޮޅު މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ވަގުތު ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އެމީހާ އަށް ހައްގު އަދަބު ދިނުމަށް ގޮވާލައި ޝުއޫރުފާޅުކޮށްފައިވާ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ބަންގުލަދޭޝް މީހާ ފުލުހުންގެ ބެލުމުގެ ދަށުން ގެންދިޔަ ވަގުތު އޭނާގެ ގައިގައި ތަޅައިގަންނަން ބަޔަކު މަސައްކަތް ކުރި ކަމަށެވެ. އަދި އެކަން އެހެންވީ ކައުންސިލުން ހިތްވަރު ދީގެން ކަމަށް ވެސް އެމީހާ ބުންޏެވެ. ނަމަވެސް ކައުންސިލުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެފަދަ ކަމަކަށް ކައުންސިލުން ހިތްވަރު ދީފައިނުވާނެ ކަމަށާއި ނަމަވެސް ބަންގުލަދޭޝް މީހާ ގެންދިޔަ ވަގުތު ބަނދަރުމަތީ ތިބި ރައްޔިތުން އޭނާ އަށް ހަމަލަދޭން މަސައްކަތް ކުރި ނަމަވެސް ފުލުހުން އެކަން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
ދަނގެތީގައި ކޮމްޕިއުޓާ ކްލާހެއް ހިންގަން ދިޔަ އިންޑިއާ ޓީޗަރު ރޭޕް ކޮށްލައި އޭނާ ގެންގުޅުނު ބައެއް އިލެކްޓްރޯނިކް ސާމާނު ވަގަށްނަގާފައި ވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެރޭ އަންހެން މީހާ ދިރިއުޅޭ ގެއަށް ވަދެ ކަމަށް އެ ރަށުން ސަން އަށް ކިޔައިދީ މީހުން ބުންޏެވެ.