އެމްޑީޕީން މާލެ ތެރޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފުލުހުންނަށާއި ފުލުހުންގެ މުދަލަށް ގެއްލުން ނުދިނުމަށް ނުކުރުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތަކެއްގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިޑް ޕްރޮޓަކްޝަން ޔުނިޓްގައި ބޭނުން ކުރަމުން ގެންދިޔަ ވެހިކަލެއްގައި ރޯކޮށްލާފައިވާކަން، ފާހަގަކޮށް ހޯމް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ހަރަކާތްތެރިވާ ފުލުހުންނަށާއި ފުލުހުންގެ އިދާރާގެ ވެހިކަލްތަކަށާއި ފުލުހުންގެ އަމިއްލަ މުދަލަށާއި ތަކެއްޗަށް އަމާޒުކޮށް ގެއްލުންދިނުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ސިޔާސީ އެންމެހާ ފަރާތްތަކަށާއި އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދަނީ ފުލުހުންނާއި ސިފައިން ކަމުގައިވާ އިރު ސަލާމަތީ ބާރުތަކުގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަކީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށާއި ޖިނާއީ އެފަދަ އެންމެހާ ކުށްތަކުން އެއްކިބާވެ ސަލާމަތީބާރިތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްބާރުލުން ދިނުމަށް ވެސް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ މާލޭ ތެރޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ އިދާރާގެ ތަކެއްޗަށް ގެއްލުން ދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

މިފަހަކަށް އައިސް މާލެ ތެރޭގައި އެމްޑީޕީން ކުރިއާށް ގެންދާ އެކިއެކި ސިޔާސީ ހަރާކާތްތަކުގައި ސަރުކާރާއި ރައްޔިތުންގެ މުދަލަށް ބޮޑަތި ގެއްލުންތަކެއް ދީފައިވާއިރު ފެބްރުއަރީ 8 ވަނަ ދުވަހު މާލެ އާއި އަތޮޅުތަކުގައި ހުރި ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖަހާ ހިންގި ޓެރަރިޒަމްގެ އަމަލްގެ ސަބަބުން ދައުލަތަށާއި ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ވެސް ހޯމް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.