10 Oct 2010, 14:59
ރާއްޖޭގައި އަނިޔާ، އެއީ މާޒީގެ އެއްޗަކަށްވެ، އެއީ، ދައުލަތުގެ ފަރާތުން ނުކުރެވޭނެ ކަމެއްގެ ގޮތުގައި ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގެންދެން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހެންވޭރު ޝަފީގުގެ އަޙްމަދު ޝަފީޤް ލިޔުއްވާފައިވާ "އަޙްމަދު ޝަފީޤުގެ ޙަޔާތުން ދުވަހެއް" އަދި "އަޙްމަދު ޝަފީޤުގެ ކުރުވާހަކަ (1)" ނެރެދެއްވުމުގެ ޙަފްލާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ޙަފްލާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަނިޔާ އިން ސަލާމަތް ކުރެވޭނެ ދާއިމީ އުޞޫލުތަކެއް، ދިވެހިންގެ ހިތްތަކާއި، ދިވެހިންގެ އުޞޫލުތަކާއި، ދިވެހިންގެ ޤާނޫނުތަކުގައި ބިންވަޅު ނުނުގޭ ކަމުގައިވާ ނަމަ، މި ސަރުކާރު ވެރިކަމުގައި އޮތުން ރަނގަޅު ނޫން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އަނިޔާ ލިބެމުން ދިޔުމަކީ، ރާއްޖޭގެ ތާރީޚުން ފާހަގަވާން އޮތް ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ސަރުކާރުގެ ފަރާތުން އަނިޔާ ލިބިގެން ދިޔަ ދިޔުމަކީ، ވެރިކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުން ބިރުގެންނެވުމާއި، ސަރުކާރުން ރައްޔިތުންނަށް އަނިޔާ ދިނުމަކީ، ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދިވެހިންނާއި، ވެރިކަމުގެ ފަރާތުން ގަބޫލު ކުރެވޭ ފަލްސަފާގެ ސަބަބުން ހިނގި ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި މި ރާއްޖޭގެ ތަރައްޤީ، ޙަޤީޤަތުގައި ގުޅިފައި އޮތީ އިންސާނީ ތަރައްޤީއާ ކަމަށާއި، އިންސާނާއަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުދޭހާ ހިނދެއްގައި އަޅުގަނޑުމެންގެ ރާއްޖެއަކަށް ތަރައްޤީއެއް ނުލިބޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަޙްމަދު ޝަފީޤަކީ، މި ރާއްޖެއަށާއި މި ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ އެންމެ އަގުބޮޑު އެއް ޚަޒާނާ ކަމަށާއި، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދިވެހިންގެ ވަރަށް ގިނަ ބަޔަކަށް އަކުރު އޮޅުންފިލުއްވައި ދެއްވުމާއި ބަސް ކިޔަވާ ދެއްވައި، ޚިޔާލު ފާޅުކުރައްވައި އެކި ލިޔުންތައް ލިޔުއްވުމުގައި ވަރަށް ހަރުދަނާކަމާއެކުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ނެރުއްވައިދެއްވި "އަޙްމަދު ޝަފީޤުގެ ޙަޔާތުން ދުވަހެއް" މި ފޮތަކީ، 15 އޭޕްރީލް 1995ގައި ކުރީގެ ސަރުކާރުން، އަޙްމަދު ޝަފީޤް ބަންދުކުރެއްވުމާ ގުޅިގެން ލިޔުއްވާފައިވާ ބަޔާނެއްގެ ގޮތުގައި، އަޙްމަދު ޝަފީޤް ލިޔުއްވި ލިޔުއްވުމެކެވެ. މި ބަންދުން އަޙްމަދު ޝަފީޤް އެއްވެސް ކުށެއްނެތް ބޭފުޅެއްގެ ގޮތުގައި ދޫކޮށްލެއްވީ، 83 ދުވަހު އެކަހެރިކޮށް ކުޑަގޮޅީގައި ބެހެއްޓެވުމަށްފަހުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވައިދެއްވި އަނެއް ފޮތް "އަޙްމަދު ޝަފީޤުގެ ކުރުވާހަކަ (1)" މި ފޮތަކީ، އަޙްމަދު ޝަފީޤް އެކި ފަހަރު މަތިން ލިޔުއްވައި އެކި ނޫސް މަޖައްލާތަކުގައި ޝާއިޢު ކުރައްވާފައިވާ ކުރު ވާހަކަތައް އެއްތަނަކުން ފެންނާނެ ގޮތް ހެއްދެވުމަށްޓަކައި ނެރުއްވި ފޮތެކެވެ.