17 Feb 2013, 14:09
ރާއްޖެއަށް އަންނަމުންދާ ތަރައްގީއާ ކުރިއެރުންތަކާ އެއްވަރަށް ރާއްޖޭގެ ތައުލީމީ ނިޒާމް ބައްޓަން ކުރަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އާސިމް މިހެން ވިދާޅުވީ ޖަޕާންގެ ޓޯކިޔޯ ޔުނިވާސިޓީ އޮފް މެރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން 2010 ވަނަ އަހަރު ކުރަން ފެށި ރާއްޖޭގެ ތަޢުލީމީ ނިޒާމާއި ބެހޭ ދިރާސާގައި އެ ޔުނިވާސިޓީން ހޯދާފައިވާ ހޯދުންތަކާ ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ކަމަށް އެ ޔުނިވާސިޓީ އަށް ފެންނަ ކަންތަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ސެމިނާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމް މިހާރު ކުރިމަތިލަމުން މިދަނީ ތައުލީމީ މުޅިން އާ އަމާޒަކަށް ކަމަށް ފާހަގަކުރައްވައި އާސިމް ވިދާޅުވީ އިލްމު އުނގެނިފައިވާ ދިވެހި ރައްޔިތުން ވަޒީފާ އަދާކުރާނީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި ކުރިއަށް އޮތްތަނުގައި ބޭރުގެ ގައުމުތަކުގައި ވެސް ދިވެހީން ވަޒީފާ އަދާކުރާނެ ކަމަށެވެ.
"މި ގޮތުން މިހާރު އަޅުގަނޑުމެން ކުރިމަތި މި ލަނީ ތައުލީމީ ނިޒާމްގެ މުޅިން އާ އަމާޒަކަށް. އަޅުގަނޑުމެންގެ ދަރިން ކުރިއަށް އޮތްތާނގައި މަސައްކަތް ކުރަމުން ދާނީ ރާއްޖެއަކު ނޫން. މަސައްކަތް ކުރަމުން ދާނެ ދުނިޔޭގެ އެހެން ގައުމު ތަކުގަ ވެސް. އަޅުގަނޑުމެން މިހާރު ތައްޔާރު ކުރަން ޖެހޭ ރައްޔިތަކީ ދުނިޔޭގެ ރައްޔިތަކަށް ހެދުމަށް ތައްޔާރު ކުރަން ޖެހޭ ރައްޔިތެއް،" އާސިމް ވިދާޅުވި އެވެ.
ޖަޕާންގެ ރިސާޗް ޓީމުން ހަދާފައިވާ ދިރާސާއާ ބެހޭ ގޮތުން ކުރެވޭ މަޝްވަރާގައި ރާއްޖޭގެ ތައުލީމީ ނިޒާމާއި ތައުލީމީ މުގައްރަރު ދުނިޔޭގެ ތަރައްގީ ވެފައިވާ އެހެން ގައުމު ތަކުގެ ތައުލީމީ ނިޒާމާއި އަޅާ ކިޔުމުގެ ފުރުސަރު ލިބިގެން ދާނެ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ. އަދި ރާއްޖޭއަށް އައިސްފައިވާ ސިޔާސީ އިޖުތިމާއި އަދި އިގުތިސާދީ ބަދަލުތަކާ އެކީގައި ދިވެހީންގެ ގައުމިއްޔަތު ބަދަލުވަމުން ދާގޮތް ދުނިޔޭގެ އެހެން ގައުމު ތަކާ އަޅައި ކިޔުމުގެ ފުރުސަތު އެ ދިރާސާގެ ސަބަބުން ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓަރު އާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައި ދިނުމުގައި ރާއްޖެއިން ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށާއި ޖަޕާންގެ ރިސާޗް ޓީމުން ކޮށްފައިވާ ދިރާސާގައި އެކަމަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވާ ކަމަށެވެ. އަދި އެ ދިރާސާގެ ސަބަބުން އެފަދަ ކުދިންނަށް ކިޔަވައި ދިނުމަގައި ތައުލީމީ މުގައްރަރަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އެނގިގެން ދާނެ ކަމަށް އާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ވަނީ ހާއްސަ އެހީ އަށް ބޭނުންވާ ފަރާތް ތަކުގެ ގާނޫނެއް ފާސް ކޮށްފަ. އަދި އެފަދަ ކުދިންނަށް ކިޔަވައި ދޭނެ އުސޫލް ތަކެއް ކަނޑައަޅާފައި. ދެން އަޅުގަނޑުމެންވީ އެކަންތައް ތަންފީޒު ކުރަން. އެކަމުގައި އަޅުގަނޑުމެންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލް ތަކާއި ހިސާބަށް ތައުލީމީ މުގައްރަރާއި ހިސާބަށް އެކަން ތިލަ ކުރާނީ ކިހިނެއްތޯ. އެހެން ކަމުން މި ދިރާސާގެ އަލީގައި އަޅުގަނޑުމެންނަށް އެ ސުވާލު ތަކުގެ ޖަވާބު ވެސް ލިބިގެން ދާނެ،" އާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޯލެވެލް ހަދާ ކުދިންގެ ނަތީޖާ ރަނގަޅު ކުރެވޭނެ ދިރާސާ އެއް ހުދުމަކީ މިހާރު ކޮންމެހެން ވެސް ކުރާން ޖެހިފައިވާ ކަމެއް ކަމަށެވެ. އެގޮތުން އޯލެވެލް އިމްތިހާނު ތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް ދިމާވެފައި ވަނީ ކޮން ކަންތައް ތަކެއް ތޯ ހޯދައި ބަލަން ޖެހޭ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.