މާލެ ތެރޭގައި މިހާރު ހިނގާ ކަންތައްތަކަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ކަމަށާއި އެފަދަ ކަންތައްތަކަކީ ޓެރަރައިޒްގެ އަމަލުތަކެއް ކަމަށް ބުނެވިދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވީ ފުލުހުން ދެމުންގެންދަނީ ރައްޔިތުންނަށް ޚިދުމަތެއް ކަމަށާއި މިތަނުގައި އޮތީ "ފޯސް" އެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ދެމުންގެންދާއިރު އާންމުންގެ ގެދޮރަށް ނުރައްކާވާ ހިސާބަށް ދިއުމުން އެފަރާތްތަކުގެ ގެދޮރު ރައްކާތެރިކުރަން ފުލުހުން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެއީ ވެސް ފުލުހުން ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ތަޅާފޮޅާ ހިސާބަށް ދިއުމުން އެކަން ހައްލު ކުރަން މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ އެއްބައި ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

"މާލޭ ތެރޭ މިހާރު މިހިނގަމުންދާ ކަންތައްތަކަކީ ހުރިހާ ކަމަކަށް އަޅާ ބަލާ އިރު ރައްޔިތުންނަށް ބިރުވެރި ކަމަކަށްވާ ގޮތަކަށް ހިނގަމުންދާ ކަންތައް ތަކަށް ވަމުން މިދަނީ. އަޅުގަނޑުމެންނަށް އެއްގޮތަކުން ބުނެވިދާނެ ޓެރަރައިޒް ކުރުމޭ،" ނަވާޒު ވިދާޅުވި އެވެ.

މިހާރު މާލޭގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކާ ގުޅޭ ގޮޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަވާޒު އިތުރަށް ވިދާޅުވީ ކޮންމެ ފިކުރެއްގައި މަސައްކަތް ކުރިޔަސް ގާނޫނީ ތަރަހައިގެ ތެރޭ އެކަން (މުޒާހަރާ) ކުރުމަށް ފުލުހުން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި އެގޮތަށް ކުރާ މުޒާހަރާއެއް ރޫޅާނުލާނެ ކަމުގެ ޔަގީންކަން ވެސް ނަވާޒު ދެއްވި އެވެ.

އެމްޑީޕީން މިހާރު ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅޭ ގޮތުން ނަވާޒު ވިދާޅުވީ ގާނޫނަކުން މުޒާހަރާ ކުރެވޭނެ ގޮތް ބުނެދީފައިވާ އިރު މުޒާހަރާތަކުގައި ގަލާއި ފުޅިއާއި ބެރި އުކާ ހިސާބަށް ދިއުމުން އެކުރަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ މައްސަލައެއް އުޅޭ ކަމަށްވަންޏާ ފުލުހުންނަށް ހުށަހަޅައިގެން އެކަން ކުރިއަށް ގެންދަންވީ ކަމަށާއި އޭގެ ބަދަލުގައި ފުލުހުންގެ ގެދޮރަށާއި ފުލުހުންގެ ދަރިންނަށް ބިރުވެރިކަން އުފެދޭ ކަންތައްކޮށްގެން ނުވާނެ ކަމަށެވެ.

ނަވާޒު ވިދާޅުވީ ފުލުހުންނަށް މަގުމަތިން ދިމާކޮށް އިންޒާރުދީ ހަދާ އިރު، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭން ބޭރުން ފުލުހުންގެ ފޯނަށް ގުޅައި އަދި އެސްއެމްއެސްކޮށް ތުރެޓް ކުރަމުންދާ ކަމަށެވެ. ނަމަވެސް ފުލުހުންނަށް ކޮށްފައިވާ ތުރެޓްތަކުގެ ތަފްސީލެއް ނަވާޒު ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ފުލުހުންނާ މަގުމަތިން ދިމާކޮށް ފުލުހުންގެ ދަރިންނަށް ނަފްސާނީ ގޮތުން އަސަރުކުރާ ގޮތަށް ބައެއް ފަރާތްތަކުން އަމަލު ކޮށްފައިވާ ކަމަށެވެ.

ވޭތުވޭދިޔަ ތިން ރޭ ކުރިއަށް ދިޔަ މުޒާހަރާތަކުގައި ގަލާއި ފުޅި ފުލުހުންނާ ދިމާލަށް އުކުމުގެ ސަބަބުން ވަނީ ފުލުހުންނަށް އެކިވަރުގެ އަނިޔާވެސް ވެފަ އެވެ. އަދި ރޭ ވަނީ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ވެހިކަލެއްގައި ވެސް ރޯކޮށްލާފަ އެވެ.