17 Feb 2013, 13:51
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ މިއަދު ކުއްލި ގޮތަކަށް ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.
މުލޭ ފޮރިން މިއަދު ފޮރިން މިނިސްޓްރީ އަށް ހާޒިރުކުރީ ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ރައްދުކުރަން ޖެހޭ މެސެޖެއް ރައްދުކުރަން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު އާންމު ކުރި "ހަބަަރަށް ބޭނުންވާ މައުލޫމާތު" ނޯޓުގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައިކޮމިޝަނުގައި މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުންނަވާ ހުންނެވުމާ ގުޅިގެންނާއި އިންޑިއާ ސަރުކާރުން އެކަމުގައި އަމަލުކުރަމުންދާ ގޮތާ ބެހޭ ގޮތުން ރައްދުކުރި މެސެޖެއް ކަމަށެވެ.
"ރާއްޖޭގެ ކުރީގެ ރައީސް އަލްފާޞިލް މުހައްމަދު ނަޝީދު އިންޑިއާ ހައިކޮމިޝަނުގައި 13 ފެބްރުއަރީ 2013 އިން ފެށިގެން ހުންނެވުމާ ގުޅިގެންނާއި އަދި އެކަމާ ގުޅިގެން އިންޑިއާ އިން މިކަމާ މެދު އަމަލުކުރައްވަމުންދާ ގޮތާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ރައްދުކުރައްވަން ޖެހޭ މެސެޖެއް ރައްދުކުރެއްވުމަށް ޓަކައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މިސްޓަރު ޑީއެމް މުލޭ މިއަދު 13.15ގައި މިނިސްޓްރީއަށް ހާޒިރުކުރެވުނެވެ."
ފޮރިން މިނިސްޓްރީން މުލޭ ނުކުމެވަޑައިގަތް ވަގުތު ނޫސްވެރިން އިންޓަވިއުއަކަށް އެދުމުން މުލޭ ވަނީ އެކަމަށް ދެކޮޅުހައްދަވާފައިފަ އެވެ. ނޫސްވެރިން ފެނިވަޑައިގަތުމާ އެކުގައި އޭނާ ވިދާޅުވީ " ނޫނޭ، ނޫނޭ" އެވެ.
އެއްގައުމެއްގައި ހުންނަވާ އަނެއް ގައުމުގެ ސަފީރު ހާޒިރުކުރުމަކީ ޑިޕްލޮމެޓިކް ގޮތުން އަޅާ ހަރުކަށި ފިޔަވަޅެކެވެ.