17 Feb 2013, 13:03
މާމިގިލީ އެއާޕޯޓްގެ މުއްދަތު ވިލާ ޝިޕިން އެންޑް ޓްރޭޑިންގް އަށް 99 އަހަރަށް ސަރުކާރުން އިތުރުކޮށް ދިނުމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައިވޭތޯ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ މާމިގިލީ އެއާޕޯޓް 99 އަހަރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިންގަންވާ ވިލާޝިޕިންނަށް ދިނުމުގައި ކޮރަޕްޝަނެއް އެއްވެސް އަމަލެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން އިސްނަގައިގެން ބަލަމުން އަންނަ ކަމަށެވެ.
"މާމިގިލީ އެއާޕޯޓް ހިންގަން ދީފައިވާ މުއްދަތު 99 އަހަރަށް އިތުރުކޮށްދިނުމާ ގުޅޭ ގޮތުން މީޑިޔާތަކުގައި އެކި ގޮތްގޮތަށް ހަބަރުތައް ފެތުރެމުންދާތި މި ކޮމިޝަނުން ވަނީ އެކަން ބަލަން ފަށާފައި،"
އޭނާ ވިދާޅުވީ އެ އެއާޕޯޓްގެ މުއްދަތު އިތުރުކޮށްދީފައިވާ މައްސަލަ ބެލުމަށް އެއާޕޯޓްގެ މުއްދަތު އިތުރުކޮށްދީފައިވާ ލިޔެކިއުންތައް ވެސް ހޯދައިފައިވާ ކަމަށެވެ.
ޑރ. އަހްމަދު ޝަމްހީދު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނަވައިގެން މާމިގިލީ އެއާޕޯޓްގެ މުއްދަތު ވިލާ ޝިޕިން އެންޑް ޓްރޭޑިން އަށް އިތުރުކޮށްދިނީ އެޓާނީ ޖެނެރަލްގެ ލަފަޔެއް އޮވެގެން ނޫން ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވަނީ ވިދާޅުވެފަ އެވެ.
ވިލާއެއާޕޯޓް މުއްދަތު އިތުރުކޮށްދިން މައްސަލައިގައި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނި އެކަމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.