ގ. ވޭރު އަބްދުލް މުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުންވަނީ މަރަށް މަރު ހިފާން ކަމަށް އޭނާގެ މަންމަ އާއި ބައްޕަ ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ މަންމަ އާއި ބައްޕަގެ ބަޔާން ނަގައިފައި ވަނީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓާ އޯޑިއޯ ކޮންފަރެންސް ކޮށްގެނެވެ.

ބަޔާން ދެމުން އޭނާގެ މަންމައާ ބައްޕަ ބުނީ ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައުގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ބޭނުން ވަނީ މަރަށް މަރު ހިފާން ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ މުހީތު މަރާލި ރޭ އެ ތިން މީހުން މަގުމަތީގައި ހިނގާފައި އުޅުނު ގޮތުގެ ރިޕޯޓެއް ފުލުހުން ތައްޔާރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ރިޕޯޓާ މެދު ވާހަކަދެއްކުމަށް ދެ ފުލުހަކު ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ދައުލަތުގެ ވަކީލާ އެދިވަޑައިގަތެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ ތިން މީހުންގެ ތެރެއިން މުހުޖަތު ބުނީ އެ މައްސަލައިގެ ޝަރީއަތް އަވަސްކޮށްދިނުމަށް ތިން މީހުންގެ ފަރާތުން އޭނާ އެދޭކަމަށެވެ.

ގާޒީ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ދިގުދެމިގެންދަނީ އެ މައްސަލައަކީ ބޮޑު މައްސަލައަކަށްވާތީ ކަމަށެވެ.

އެތިން މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރާން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް މިހާރު ވަނީ ނަގައިފަ އެވެ.


އެ ތިން މީހުންގެ ތެރެއިން މުހުޖަތާއި މުޝައްފައުގެ މައްޗަށް ދައުވާކޮށްފައި ވަނީ ތޫނުއެއްޗަކުން ހަމަލާދީ މުހީތު މަރާލި ކަމަށް ތުހުމަތު ކޮށެވެ. އަދި މައިމޫންގެ މައްޗަށް ދައުވާކޮށްފައި ވަނީ މުހީތު މެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.

މުހީތުގެ މަރާ ގުޅިގެން 18 އަހަރުން ދަށުގެ ތިން ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ.