17 Feb 2013, 12:24
މާލޭ ކުޅިވަރު އެކުވެނީ އިންޑޯ ބާސްކެޓް ކޯޓްގައި ރޭ ކުޅުނު 33 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތިންވަނަ ޑިވިޜަންގެ ހުޅުވި މެޗު ޑީ ބާސްކެޓްބޯލް ކްލަބުން ކާމިޔާބު ކޮށްފިއެވެ.
ފުރަތަމަ މެޗު ޑީ ބާސްކެޓްބޯލް ކުލަބް (ޑީބީސީ) އިން ކާމިޔާބުކުރީ ވިޔަންސާ އާއި ބައްދަލުކޮށް 66 ޕޮއިންޓް 43 ޕޮއިންޓުންނެވެ. ރޭގެ މެޗުގައި ޑީބީސީން އެންމެ މޮޅަށް ކުޅެފައި ވަނީ އެ ކުލަބަށް 28 ޕޮއިންޓް ހޯދައިދިން ރިޝްފާން ރަޝީދު އެވެ. އޭނާ ވަނީ ރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ. ވިޔަންސާއަށް އެންމެ ރަނގަޅަށް ކުޅެދީފައި ވަނީ އެ ޓީމަށް 27 ޕޮއިންޓް ހޯދައިދިން ނަޝާތު ޝަރީފް އެވެ.
ހަތަރު ޓީމު ބައިވެރިވި މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. ތިން ޓީމުގެ މެދުގައި އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކާއި ދެވަނައަށް ދާ ޓީމެއް ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެވެ. އަދި ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމު ދެވަނަ ސެމީގައި ވާދަކުރާނީ އެވެ. އެ ގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުން މޮޅުވާ ޓީމު ފައިނަލަށް ދާއިރު ބަލިވާ ޓީމު ސެމީފައިނަލްގެ ތިންވަނަ މެޗުގައި ވާދަކުރާން ޖެހޭނީ ދެވަނަ ސެމީން މޮޅުވާ ޓީމަކާއެވެ.
ޑި ބާސްކެޓްބޯލް ކްލަބާއި ވިޔަންސާގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ޓީރެކްސް ސްޕޯޓްސް އެކަޑަމީއާއި އެލްކިއު ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަދުވަހު އެވެ.
މުބާރާތުގައި މިއަދު ހަވީރު ވާދަކުރާނީ، ޓީރެކްސް އާއި އެލްކިއު އެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.