ބާޒާރުގައި އަނބު ތިޔާގިވެ އަނބުގެ އަގުު ކޮންމެ ވެސް ވަރަކަށް ދަށަށް ހިނގައްޖެ އެވެ.

ފަނިގިރުމަށާއި އާންމުކޮށް ކެއުމަށް ވެސް ގިނަ ބަޔަކު ލޯބިކުރާ އަނބު ތަފާތު އަގުތަކުގައި ތަފާތު ވައްތަރުތައް ބާޒާރުގައި ލިބެން އެބަހުއްޓެވެ. އެންމެ ގިނަ އަދަދަކަށް ބާޒާރުގައި މިއަދު ހުރީ ވެސް އަނބެވެ.

އަނބު ތިޔާގިވެ ބާޒާރުގައި އަނބުގެ އަގު ވަނީ ހަތަރު ރުފިޔާ އާއި ތިން ރުފިޔާ އަށް ވެއްޓިފަ އެވެ. އަދި އެންމެ އަގުބޮޑުކޮށް ވެސް އަނބެއް ލިބެން ހުރީ 12 ރުފިޔާ އަށެވެ. މިދޭތެރެއިން މާލޭ ބާޒާރުގައި އަނބުގެ އަގުތައް ހުރީ 10ރ. އާއި 15ރ. ދޭތެރޭ އަގުތަކެއްގަ އެވެ.

އަނބު ހެއްދުމުގައި ނަން މަޝްހޫރު އައްޑޫ ދަނޑުވެރިއެއްކަމައްވާ އިބްރާހިމް މުހައްމަދު މިއަދު ބުނީ އަނބުގެ އަގު ދަށަށް ދިޔައީ މިއީ އަނބު މުސުން ނޫން ނަމަވެސް ބާޒާރުގައި އަނބު ލިބެން ހުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށެވެ.

"އަނެއްހެން މިއަކީ އަނބު މޫސުމެއް ނޫން. ދެން ކުރިއަށް އޮތީ އަނބު މޫސުން، ހަގީގަތުގައި މިހާރު އަނބު އަގުހެވީ ބާޒާރުގައި އަނބު ގިނަކަމުން." މުހައްމަދު ބުންޏެވެ.

ބާޒާރުގައި އަނބު ގިނަވެ އަނބުގެ އަގު ދަށަށް ގޮސްފައިވާތީ ފުއައްމުލަކު ދަނޑުވެރިއެއް ކަމަށްވާ މުހަންމަދު އަލީގެ ހިޔާލުގައި ކޮންމެ ވެސް ވަރަކަށް ތަފާތެވެ. އޭނާ ބުނީ ބާޒާރުގައި މިހާރު އަނބުގެ އަގުހެޔޮވެފައި ވަނީ ވަގުތީ ގޮތަކަށް ކަމަށެވެ. އަދި ދެ ތިން ދުވަހެއްގެ ތެރޭގައި އަނބުގެ އަގު އުފުލިގެންދާނެ ކަމަށާއި މިއަދު ބާޒާރުގައި އަނބުގެ އަގު ހެޔޮވީ އެތައް ރަށަކުން ކުއްލި އަކަށް އަނބު ގެނައުމުންކަމަށް އޭނާ ބުންޏެވެ.

މާލޭގެ ބާޒާރަށް ގިނަ އަދަދެއްގެ އަނބު ގެންނަ ފުވައްމުލަކު ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށުގެ އަނބުގަސްތަކުގައި މިހާރު ގިނަ އަދަދަކަށް މާ އަޅާފައިވާ އިރު ކޮންމެ ވެސް ވަރަކަށް އަނބު ވެސް އަޅާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ގިނަ އަދަދެއްގެ އަނބު މާލޭގެ ބާޒާރަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.