މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުރިއަށް ގެންދާ ދެވަނަ ޑިވިޜަންގެ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގައި ކްރިކެޓް ބޯޑުގެ ޔޫތު ޑެވެލޮޕްމެންޓް ޓީމާ ވާދަކޮށް އަށް ވިކެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް އޮފް އެފްސީ އިން ހޯދައިފި އެވެ.

އިއްޔެގެ މެޗުގައި ޓޮސްދިމާވުމުން ޔޫތު ޑެވެލޮޕްމަންޓް ޓީމުން ކުޅެން އަރައި 33 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވި އިރު ހެދިފައިވަނީ 99 ލަނޑެވެ. ޔޫތު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ލަނޑު ހެދި އާދަމް ނާސިފް އާއި އަލީ ސުނާން އެވެ. އިދި ކޮޅު ޓީމުން އެންމެ ރަނގަޅަށް އުކާފައި ވަނީ 13 ލަނޑަށް ތިން ވިކެޓް ނެގި އިސްމާއީލް އަނީލް އެވެ.

އޮފް އެފްސީ އިން ޖަވާބުގައި ކުޅެން އަރައި ދެކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 40 ލަނޑު ހެދި ހުސައިން ރިމާޒު އާއި ނުބައި ނުވެ 38 ލަނޑު ހެދި އިސްމާއީލް އަނީލް އެވެ. ޔޫތު ޓީމުގެ ތުޝާރު ވަނީ އެއް ވިކެޓް ނަގާފަ އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ދެވަނަ ޑިވިޜަންގެ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހު 22 ވާ ހުކުރު ދުވަހު އެވެ. ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 8:30ގަ އެވެ.