ރަށްތައް ގުޅުވައިލުމުގެ ވޯޓުގައި ނުކުތް ނަތީޖާއަކީ އެމްޑީޕީގެ މެނިފެސްޓޯއަށް ތާއީދު ބޮޑުކަން ސާބިތުކޮށްދޭ ނަތީޖާއެއް ކަމަށާއި މި ނަތީޖާއަކީ ސަރުކާރަށް "ފަހި ނަތީޖާ"އެއް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ރަށްތައް ގުޅުވައިލުމުގެ ވޯޓުގައި ދައްކައިދިނީ ރައްޔިތުންގެ ބޮޑު ތާއީދެއް އެމްޑީޕީގެ މެނިފެސްޓޯ އަށް އޮތް ކަމަށާއި އެއީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބުނު ފަހި އިސާރާތެއް ކަމަށެވެ.


"އެމްޑީޕީގެ މެނިފެސްޓޯގައި ބުނަނީ ދަތުރު ފަތުރު ކުރުމުގެ ނިޒާމަކުން ރަށްތައް ގުޅައިލުމަށް އެއަށް ތާއީދު އޮތްކަން މި ނަތީޖާ އިން އެނގޭ، އެއީ ފަހި ނަތީޖާއެއް،" ޒުހައިރު ވިދާޅުވި އެވެ.


ވޯޓުގެ ނަތީޖާއާ އެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްޓަކައި ރަށްތައް އަވަހަށް ގެޒެޓް ކުރުމަށް އިދިކޮޅު ޑީއާރްޕީން ގޮވާލާފައިވާ އިރު ރަށްތައް ކިހާތާކު ގެޒެޓް ކުރައްވާނަންތޯ ދެންނެވުމުން ޒުހޭރު ވިދާޅުވީ ސަރުކާރުން ޑީއާރްޕީއާ އެކު އެއްބަސްވެފައިވާ ގޮތަށް ތާރީހަށް ކަންކަން ކުރަމުން ގެންދާ ކަމަށާއި ރަށްތައް ގެޒެޓް ކުރުމަށް އެއްބަސްވެފައި ވާނީ މި މަހުގެ 17ގެ ކުރިން ކަމަށެވެ.


"އެ ތާރީހުގެ ކުރިން ސަރުކާރުން ރަށްތައް ގެޒެޓްކޮށް އިލެކްޝަން ކޮމިޝަނާ ހަވާލު ކުރާނެ. އަޅުގަނޑުމެން މިގެންދަނީ އެއްބަސްވެފައިވާ ގޮތަށް ކަންކަން ނިންމަމުން،" ޒުހައިރު ވިދާޅުވި އެވެ. "ނަތީޖާ ނުކުތީ ރަށްތައް ގުޅައިލުމަށް ނުފެންނަ ކަމަށް އެނަތީޖާ އަށް ސަރުކާރުން އިހުތިރާމު ކުރާނެ."