15 Mar 2010, 10:40
14:30
ސަރުކާރު ޒިންމާދާރު ކުރެވޭނީ ގާނޫނުތައް ހަރުދަނާކޮށް ހަރުކަށިކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްގައި އެ ގާނޫނަށް އިސްލާހް ގެނައުމަށް ހުށަހަޅުއްވާފައި ވަނީ، ދައުލަތުގެ ފައިސާ ތާށިކޮށް، ސަރުކާރަށް ދަތިކުރުމަށް ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ، ހުޅުމީދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވަމުން، އެ ބިލު ހުށަހެޅުއްވި، އިދިކޮޅު ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ، އެ މާލިއްޔަތު ގާނޫނަށް އިސްލާހް ހުށަހަޅުއްވާފައި ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވުމަށް އިދިކޮޅު ފަރާތްތަކުން ކުރާ ކޮންމެ ކަމަކަށް މަޖިލިސް ތެރެއިން އެމްޑީޕީގެ މެންބަރުން ހުރަސްއަޅުއްވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި މި އިސްލާހަކީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ކޮންމެހެން ބޭނުން އިސްލާހެއް ކަމަށާއި، މިއީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއް ހޯދުމަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށާއި، މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ޕާޓީތަކުގެ މެންބަރުންނާ މަޝްވަރާ ކުރައްވާފައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިބިލަށް ފާޑުވިދާޅުވަމުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވީ، މިފަދަ ބިލެއް ހުށަހަޅައިގެން ސަރުކާރަށް ދަތިކުރުމުގެ ބަދަލުގައި ޕްރައިވެޓައިޒޭޝަން ބިލެއް ހުށަހަޅައިގެން އެކަންތައް ހަރުދަނާކުރުމާއި ކުންފުނިތަކުގެ ގާނޫނަށް އިސްލާހް ގެނެސް އެ ގާނޫނުތައް ވަރުގަދަކުރުން މާ މުހިއްމު ކަމަށެވެ.
ޝަރުއީ ކޯޓުތަކުގެ ބިލުގެ އިބްތިދާއީ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންދަވައިފަ އެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، މި ގާނޫނުގެ ސަބަބުން ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި ލިބިގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން މިނިވަންކަމާއި، މުސްތަގިއްލު ކަމާއި، އިންސާފުވެރިކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ކޯޓުތަކަށް ލިބިގެންދާނެ ކަމަށާއި، ޝަރުއީ ނިޒާމަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ނިޒާމަކަށް ވެގެންދާނެ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވޯޓަށް އެހުމުގެ ވަގުތުގައި ވޯޓަށް އެހުމުގެ ކުރިން ޖަހާ ރަނގަބީލު ޖެހުމަށްފަހު، ވޯޓަށް އެއްސެވުން އެހެން ފަހަރަކަށް ރިޔާސަތުން ފަސްކުރުމާ ގުޅިގެން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުމުގެ ސަބަބުން ރިޔާސަތުން ޖަލްސާ ނިންމަވާލެއްވި އެވެ. ވޯޓަށް އެއްސެވުން ފަސްކުރެއްވުމާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި ބައެއް މެންބަރުން ވިދާޅުވީ، ރިޔާސަތުން އެކަން ކުރައްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި ވޯޓަށް އެއްސެވުމަށް ވަކި ގަޑިއެއް ކަނޑައަޅުއްވައި، ވޯޓަށް އެހުމުގެ ރަނގަބީލު ޖެއްސެވުމަށްފަހު ވޯޓު ފަސްނުކުރެވޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އެ މެންބަރުންނަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށެވެ. އަދި ޖަލްސާ ކުރިއަށް ގެންދަވަނީ ގަވާއިދުން ކަމަށާއި، އެކަށީގެންވާ އަދަދަށް މެންބަރުން ވަޑައިގެން ނެތްނަމަ އެހެން ފަހަރަކަށް ވޯޓު ފަސްކޮށް، ބިލުގެ ބަހުސް ކުރިއަށްގެންދެވިދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އެގޮތަށް ޖަލްސާ ކުރިއަށްގެންދެވުމަށް މެންބަރުން ބޭނުންފުޅުނުވާނަމަ ޖަލްސާ ނިންމަވާލައްވަނީ ކަމަށް ވިދާޅުވެ، މަޖްލީސް ނިންމާލުމުގެ ގަޑިޖެހުމުގެ 45 މިނިޓް ކުރިން، ޝާހިދު ޖަލްސާ ނިންމަވާލެއްވި އެވެ.