17 Feb 2013, 10:50
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރުއްވި އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ވިއަސް، އެ އަމުރަށް އަމަލު ކުރެެއްވީ މަޖުބޫރުން ކަމަށް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވެއްޖެ އެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރެއްވި ކުރުމާ މެދު، އިންޑިއާގެ "ޓައިމްސް އޮފް އިންޑިއާ" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ތޮލްހަތު ވިދާޅުވީ ކޯޓުގައި ތެދު ހެކިބަސް ދިނުން ނޫން ގޮތެއް ނެތް ކަމަށެވެ.
"ރައީސްގެ ނިންމުން ގޯސް، އެކަމަކު ރައީސްގެ އަމުރު ތަންފީޒުކުރަން މަޖުބޫރު. ރާއްޖޭގެ އަސްކަރިއްޔާއަކީ ފުލުހުން ބޭނުންވުމުން ދާހިލީ ކަންކަމުގައި އެހީވާން ތިބޭ ބައެއް،" ޓައިމްސް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ތޮލްހަތު ވިދާޅުވި އެވެ.
ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީ ނިޒާމުން ގެއްލުވާލުމާ ގުޅިގެން މެދުނުކެނޑި ކުރިއަށް ދިޔަ މުޒާހަރާތައް ހޫނުވެގެން ދިއުމަށް ފަހު ފެބްރުއަރީ މަހު 7 ވަނަ ދުވަހު އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމާ އެކު، އދ. އާއި ކޮމަންވެލްތުގެ އިތުރުން އެކުވެރި ގައުމުތަކުން ވަނީ އަބްދުﷲ ގާޒީ މިނިވަންކުރުމަށް ރައީސް ނަޝީދަށް ގޮވާލައްވައިފަ އެވެ. ނަމަވެސް ނަޝީދުގެ ފަރާތްޕުޅުން އެ ގޮވާލުންތަކަށް ބީރުކަންފަތެއް ދެއްވާފައި ވަނިކޮށް، އަބްދުﷲ ގާޒީ މިނިވަންކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހު ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހުގަ އެވެ.
އެ މައްސަލާގައި ނަޝީދުގެ އިތުރުން ތޮލްހަތާ ދެކޮޅަށް ވެސް ދައުވާކޮށްފައިވެ އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުގައި ނަޝީދުގެ ގާނޫނީ ވަކީލު އަދި ނަޝީދު ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ހަސަން ލަތީފް ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ކުރި އަމުރަކީ ނަޝީދު ކުރެއްވި އަމުރެއް ނޫން ކަމަށެވެ.
"އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ނަޝީދުކޮށްފައިވާ އަމުރެއް ކަމަށް ބުނެ ދެއްކޭނެ ސޮއިކޮށްފައިވާ ލިޔުމެއް ނެތް." ހަސަން ލަތީފު ވިދާޅުވި އެވެ.