17 Feb 2013, 10:10
ބެންޣާޒީ (ފެބްރުއަރީ 17): ލީބިޔާގައި ނަސާރާ ދީން ފެތުރުމުގެ ޙަރަކާތްތަކެއް ހިންގަމުން ގެންދިޔަ ބޭރު ބަޔަކު ހައްޔަރުކޮށްފިކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.
ލީބިޔާގެ ޕްރިވެންޓިވް ސެކިއުރިޓީ އިދާރާގެ ތަރްޖަމާން އަލްޙުސައިން ބިން ޙަމީދު ވިދާޅުވިގޮތުގައި ނަސާރާ ދީން ފެތުރުމުގެ ޙަރަކާތްތަކެއް ހިންގަމުން ގެންދިޔައީ އެގައުމުގެ އިރުމަތީގެ ރަށެއްގެ ކަމަށްވާ ބެންޣާޒީގަ އެވެ. ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ މިސްރު މީހަކާއި ދެކުނު އެފްރިކާގެ މީހަކާއި އެމެރިކާގެ މީހަކާއި ސްވިޑްންގެ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލީބިޔާގެ ހުރިހާ ރައްޔިތުންނަކީ ވެސް މުސްލިމުން ކަމަށް ލީބިޔާގެ ގާނޫނު ބުނާތީ ނަސާރާ ދީން ފެތުރުމުގެ އެއްވެސް ޙަރަކާތެއް ހިންގުމަކީ ގައްޒާފީގެ ދުވަސްވަރުން ފެށިގެން ވެސް ގާނޫނީ ގޮތުން ލީބިޔާގައި މަނާކޮށްފައިވާ ކަމެކެވެ.
ލީބިޔާގެ ކުރީގެ ޒަޢީމް މުއައްމަރުލްގައްޒާފީގެ ވެރިކަން ވެއްޓުމާ އެކު ލީބިޔާ އަށް އައިސްފައިވާ ފަރުދީ މިނިވަންކަމާ އަދި ހަމަނުޖެހުންތަކުގެ ނާޖާއިޒު ފައިދާނަގައިގެން ހުޅަނގުގެ ނަސާރާ ތަބްޝީރީ ޖަމާއަތްތަކުން ކުފުރުގެ ޙަރަކާތްތައް ވަރަށް ފުޅާދާއިރާއެއްގައި ލީބިޔާގައި ހިންގަމުންގެންދާ ކަމަށް ލީބިޔާގައި ޝާއިޢުކުރެވޭ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ނަސާރާ ދީން ފެތުރުމުގެ ތުހުމަތުގައި މިދިޔަ ބުދަދުވަހު ލިބިޔާގައި ހައްޔަރުކުރެވުނު ހަތަރު މީހުން އިސްލާމް ދީނާ އިދިކޮޅު ފޮތްތަކާއި ސީޑީތަކާއި އެނޫންވެސް ތަކެތި ބަހާފައިވާ އިރު އެމީހުން ވަނީ ލީބިޔާގައި ތިބެގެން ސިއްރިޔާތުގައި ނަސާރާ ދީނާބެހޭ ބައެއް ލިޔެކިޔުންތައްވެސް ޗާޕްކޮށްފައި ކަމަށް ޚަބަރު ލިބެ އެވެ. (ބީ.ބީ.ސީ)