ކުއެޓާ (ފެބްރުއަރީ 17): ޕާކިސްތާނުގެ ޝިޔަޢީންގެ ބާޒާރެއްގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 63 މީހަކު މަރުވެ އިތުރު 200 މީހަކު ޒަޚަމްވެއްޖެ އެވެ.

ޕާކިސްތާނުގެ އަމްނާ ބެހޭ މަސްއޫލުވެރިއެއް ކަމަށްވާ ވަޒީރު ޚާން ނާސިރު ވިދާޅުވިގޮތުގައި މިބޮން ގޮއްވާލާފައި ވަނީ ކުއެޓާގެހަޒާރާ އަވަށުގެ މީހުން ތޮއްޖެހިފައިވާ މަގުމަތީ ބާޒާރެއްގަ އެވެ. މިއީ މަޛްހަބީ ގޮތުން ހައްދުފަހަނަޅާފައިވާ ބަޔަކު ޝިޔަޢީންނަށަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއެއް ކަމަށް ބެލެވޭ ކަމަށާ ބޮންގޮއްވާލި ކަމަށް ބެލެވެނީ ރިމޯޓް ކޮންޓްރޯލެއްގެ އެހީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުއެޓާ އަކީ ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބްލޫޗިސްތާން ސަރަޙައްދުގެ ވެރިރަށެވެ. ކުއެޓާއަކީ ޕާކިސްތާނުގެ ބައިމަދު ޝިޔަޢީން މަޒުހަބުގެ މީހުންގެ އާބާދީ ބޮޑު ރަށެކެވެ. އަދި ބޮންގޮއްވާލި ހަޒާރާ އަވަށުގެ ބާޒާރަކީ ހަޒާރާ ދަރިކޮޅުގެ ޝިޔަޢީންގެ ބާޒާރެއް ކަމަށާ މިޙަމަލާގައި މުޅިންކަހަލަގޮތަކަށް މަރުވެފައިވަނީ ވެސް ހަޒާރާ ދަރިކޮޅުގެ ޝިޔަޢީ މަޛްހަބުގެ މީހުން ކަމަށް ޕާކިސްތާނުގެ އަމްނާބެހޭ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

މިބޮމުގެ ޙަމަލާގެ ޒިންމާ އުފުލާފައި ވަނީ ޕާކިސްތާނުގެ ސުންނީންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ "ލަޝްކަރޭ ޖަހާންގަފީ" އެވެ. މިއީ ބޮންގޮއްވުމާއި މީހުން މެރުމުގެ ޙަރަކާތްތައް ހިންގާ ޖަމާއަތަކަށް ވާތީ މިއީ ޕާކިސްތާނުގައި މަނާކޮށްފައިވާ ޖަމާއަތެކެވެ. ބަލޫޗިސްތާނުގެ ދާޚިލީ ވަޒިރު އަކްބަރު ޙުސައިން ދަވްރާނީ ވަނީ މިއީ ޓެރަރިސްޓް ޢަމަލެއް ކަމަށް ސިފަކުރައްވާފަ އެވެ. މިޙަމަލާގައި ގިނައިން މަރުވެފައި ވަނީ އަންހެނުންނާއި ކުޑަކުދިންކަމަށް އޭނާ ވިދާޅުވި އެވެ. ޕާކިސްތާނުގެ ބައިމަދު ޝިޔަޢީ މަޛްހަބުގެ މީހުންނާ ދެކޮޅަށް ސުންނީ ހަނގުރާމަވެރިން ދެމުންގެންދާ ޙަމަލާތައް މިފަހަކަށް އައިސް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖަނަވަރީ މަހުވެސް ކުއެޓާގެ ޝިޔަޢީ އަވަށެއްގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން ޝިޔަޢީންގެ 80 މީހަކު މަރުވެފައިވެ އެވެ. އަދި ބަލޫޗިސްތާނުގެ ރާވަލް ޕިންޑީގައި މިދިޔަ ނޮވެމްބަރު މަހު ދިން ބޮމުގެ ޙަމަލާއެއްގައި ޝިޔަޢީންގެ 23 މީހަކު މަރުވެފައިވެ އެވެ. ބަލޫޗިސްތާނުގެ ޝިޔަޢީންގެ މިސްކިތެއްގައި ވެސް މިދިޔަ ޑިސެމްބަރު މަހު ބޮމެއްގޮއްވާލައި އެތައް ބަޔަކު ވަނީ މަރާލައިފަ އެވެ. (ނޫސްއެޖެންސީތައް)