17 Feb 2013, 09:59
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ދިފާއީ ބާރު ތަކަށާއި އާއްމު ރައްޔިތުންނަށް އަނިޔާވެ ގެއްލުން ވަމުން ދާތީ އެކަން ޕީޕީއެމުންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު މަހްލޫފް ރޭގެ ޖަލްސާގައި ވިދާޅުވީ ސުލްހަވެރި މުޒާހަރާތަކެއްގެ ނަމުގައި ހިންގަމުން ގެންދާ އެ މުޒާހަރާތައް ޕީޕީއެމް އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"އެމްޑީޕީން ރޭގައި މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ ހަމަޖުހެނުން ބޮޑު މުޒާހަރާގެ ބައިވެރިން ވަނީ ކުރިމަތިލުންތަކެއް ހިންގާފައި. އެހެންވީމަ މުޒާހަރާގެ ނަމުގައި ހިންގަމުން މިދާ ހަމަ ނުޖެހުންތައް ޕީޕީއެމުން ވަރަށް ބޮޑަށް ކުށްވެރިކުރަން. މިދިޔަ އެއް އަހަރުގެ ތެރޭގައި ވަރަށްގިނަ މުޒާހަރާ ތަކެއް ބޭއްވި. ސުލްހަވެރި ކަމުގައި ބާއްވާ މުޒާހަރާތަކުގައި އަޅުގަނޑުމެން ނުދެކެން ފުލުހުން އެމީހުންނަށް ހުރަސް އަޅާ ތަނެއް،" މަހްލޫފް ވިދާޅުވި އެވެ.
މިއަދު އަޅުގަނޑުމެންގެ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ މުޒާހަރާ ކުރުމާއި އެއްވެ އުޅުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ހަމަ އެއާ އެކު ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ހަމަ ނުޖެހުން އުފެދޭ ކޮންމެ ފަހަރަކު އެ ކަމާ މެދު ވާހަކަ ދައްކައި މަޝަވަރާ ކޮށްގެން ނޫނީ ހައްލެއް ނުހޯދޭނެ ކަމަށް ޑިފެންސް މިނިސްޓަރު ނާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.
ގާނޫނުއަސާސީގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން މިހާރަކަށް އައިސް ކުރެވެނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަވަސްކަތް އުފެދޭ ގޮތަށް ކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގެ ދިފާއީ ބާރުތަކަށް ހަމަލާދީ އެތައް ބަޔަކު ޒަޚަމް ކޮށްލައި، ދިވެހީންގެ ތެރެއިން ގިނަ ބަޔަކާ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރިމަތިލާފާ ވާ ކަމަށް ފުުލުހުން ވެސް ކަށަވަރު ކޮށްދެއެވެ.