އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާނދީ ލިޔުއްވައިފައިވާ ސިޓީފުޅެއް ނީލަމުގައި 115000 ޕައުންޑަށް (2.7 މިލިއަން ދިވެހި ރުފިޔާ) އަށް ވިއްކާލައިފި އެވެ.

ޔޫރަޕުގެ އެންމެ މަޝްހޫރު އެއް އޯކްޝަން ހައުސް ކަމަށްވާ މުލޮކްސްއިން ބީބީސީ އަށް މައުލޫމާތުދެމުން ބުނެފައި ވަނީ މިސިޓީއަކީ 1943 ގައި އިންޑިއާގައި އޭރު ތިބި އިނގިރޭސީން މަހާތަމާ ގާނދީ ހައްޔަރުކުރުމުން އޭނާ އާއި އޭނާގެ ބައިވެރިންގެ މިނިވަން ކަމަށް އެދި ގާނދީ ލިޔުއްވާފައިވާ ސިޓީ އެއް ކަމަށެވެ.

ދިހަ ހާސް ޕައުންޑާއި، ފަނަރަ ހާސް ޕައުންޑާއި ދެމެދުގެ އަގަކަށް އެ ސިޓީ ވިއްކާލެވޭނެ ކަމަށް މުލޮކްސް އިން ލަފާކޮށްފައިވަނިކޮށް، ސިޓީ ގަތް ފަރާތުން ވަނީ 115000 ޕައުންޑްގެ ބޮޑު އަގެއް ހުށަހަޅައިފަ އެވެ. މިއާ އެކު އެ ސިޓީ ވެގެން ގޮސްފައިވަނީ ގާނދީގެ މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިއްކާލައިފައިވާ ސިޓީ އަށެވެ.

ނަވާރަސަތޭކަ ސާޅީސް ތިން ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު، އިންޑިއާގައި އިނގިރޭސިން ބިނާކޮށްފައިވާ ޑިޓެންޝަން ކޭމްޕުގައި ހުންނަވައިގެން ގާނދީ ލިޔުއްވާފައިވާ މި ސިޓީ އަކީ އިންޑިއާގެ މިނިވަން ކަމަށް ގާނދީ މަސައްކަތް ފެށްޓެވި ހިސާބުގެ ސިޓީއެއް ކަމަށް ތާރީހީ ތަޖުރިބާކާރުން ބުނެ އެވެ.

އިންޑިއާގައި އޭރު ހުންނެވި އިނގިރޭސި އެޑިޝަނަލް ސެކެޓްރީ ފޯ ދަ ގަވާމަންޓް އޮފް އިންޑިއާއަށް އެޑްރެސްކޮށް ޓައިޕްރައިޓަރުން ގާނދީ ލިޔުއްވާފައިވާ މިސިޓީގައި އެދިފައިވަނީ، ގާނދީ އާއި، އޭނާގެ ބައިވެރިން މިނިވަން ކޮށް ދިނުމަށެވެ.

މިދިޔަ އަަހަރުވެސް އިނގިރޭސިވިލާތުގެ އޯކްޝަން ހައުސް މުލޮކްސްއިން ވަނީ ގާނދީ ސާމާނުތަކެއް ނީލަން ކިޔައިފައެވެ. މިދިޔަ އަހަރު ވިއްކާލައިފައިވާ ތަކެތީގެ ތެެރޭގައި ގާނދީގެ އައިނުކޮޅު ވެސް ވަނީ ވިއްކާލައިފައެވެ.