ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން ކޯޓުތަކުން އަމަލުކުރަމުން ދަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ބުނެ އެ ދައުވާއާ ދެކޮޅަށް ޗާންދަނީމަގާއި މަޖީދީމަގާ ގުޅުނު ކަންމަތީ އިށީނދެ ތިބެ އެމްޑީޕީ މީހުން މުޒާހަރާކޮށްފި އެވެ.

އެމްޑީޕީގެ އެންމެ އިސްލީޑަރު "ރައީސް ނަޝީދުގެ ހިމާޔަތުގެ" ނަމުގައި އެމްޑީޕީ އިން ރޭ ޗާންދަނީ ހަތަރުއަނގޮޅި ކަންމަތީގައި ކުރި، މުޒާހަރާ ފެށީ ސުނާމީ ބިނާއާ ކައިރިން ހިނގާލުމެއްގެ ގޮތުގަ އެވެ.

ގިނަ އަދެދެއްގެ މީހުން ޗާންދަނީ މައިދާނަށް އެއްވެ ތިބެ ކުރި މުޒާހަރާގައި ރައީސް ނަޝީދަށް މި ސަރުކާރުން ހިމާޔަތް ނުދޭނެ ކަމަށާއި އަދި މިހާރު ކޮށްފައިވާ ދައުވާގައި އެމަނިކުފާނުގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ނުކުރާނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލައިފަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާއަކީ އެމަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ހެދުމަށް ސިޔާސީ މަގުސަދެއްގައިކޮށްފައިވާ ދައުވާއެއް ކަމަށް ވެސް މުޒާހަރާގެ ބައިވެރިންވަނީ ބުނެފަ އެވެ.

ރޭގެ މުޒާހަރާގައި ޗާއިންދަނީމަގުގައި ތިބުމަށް ފަހު ދެން އެއްވެފައި ވަނީ ސޯސަންމަގުގައި ހުންނަ ކުރީގެ ނާދީ ބިލްޑިންގް ކަރިއަށެވެ. އެ ސަރަހައްދުގައި އެއްވުމަށް ފަހު މީހުން މަދުވެފައި ވަނިކޮށް ދަންވަރު ވަނީ މާޖީދީއްޔާ ސްކޫލް ކައިރީ ފުލުހުން ޖަހާފައި ހުރި ބެރިގޭޑެއްގައި ރޯކޮށްލާފަ އެވެ.

ރޭގެ މުޒާހަރާގައި ފުލުހުންނާއި އާންމުންނާއި ކުރިމަތިލުންތަކެއް ހިނގާފައެއްނުވެ އެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލަމުންދާ އިރު އެ ދައުވާ އަނބުރާ ގެންދަވަން ނުވިސްނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ވަނީ ވިދާޅުވެފަ އެވެ.