17 Feb 2013, 09:21
ދުނިޔޭގެ ތަހުޒީބީ ގައުމުތަކަށް ބަލާއިރު އެގައުމުތަކުގައި ވަކި އުސޫލެއް ނެތި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަދަބު ލިބޭ ކުށެކެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި އެކަން އޮތީ މުޅިން ތަފާތުކޮށެވެ. އެމީހަކު ބޭނުން ކޮންމެ ތާކު ބޭނުން ކޮންމެ ވަގުތެއްގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ހަމަ އާދައިގެ ކަމެކެވެ. ކަން މިހެން ހުރިއިރު ދާދި ފަހުން ތައާރަފު ވި ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދަށް މިދިޔަ ޖަނަވަރީ މަހުން ފެށިގެން އަމަލުކުރަން މިހާރު މި ވަނީ ފަށައިފައެވެ. އެގަވައިދުގައި ބުނާގޮތުގެ މަތިން ބޭނުންހާ ތާކު ދުންފަތުގެ އިސްތިއުމާލް ކުރުމަކީ އަދަބު ލިބޭ ކުށެކެވެ. ނަމަވެސް އުފެދޭ ސުވާލަކީ އެގަވައިދަށް އަމަލުކުރަނީ ކިތައް ފަރާތުން ބާވައެވެ؟ އަދި އެގަވައިދާ ހިލާފު ވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭ ބާވައެވެ؟
ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމު"ގެ ގަވާއިދަށް އަމަލުކުރަން ފަށާފައިވާތާ އެއްމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ގަވާއިދަށް ބޯނުލަބާ ފަރާތްތަކަށް ހަރުކަށި އަދަބުތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް އެގަވައިދުގައި ބުނެފައިވެއެވެ. މިދިޔަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެގަވައިދަށް އަމަލުކުރާން ފެށިއިރު ގިނަ އަދަދެއްގެ މީހުން އެގަވައިދަށް ތަބާވިތަން ފެނިގެންދިޔައެވެ. އެގޮތުން ސިނގިރޭޓް ބުއިން މަނާތަންތަން ކަމަށް ކަނޑައަޅަފައިވާ ސަރަހައްދުތަކުގަޔާއި ކެފޭ ރެސްޓޯރެންޓްތަކުގައި ވެސް ހުއްދަ ނެތް ތަންތަނުގައި ސިނގިރޭޓް ބުއިން އެއްކޮށް ހުއްޓިގެން ދިޔަތަން ފެނިގެން ދިޔައެވެ. ނަމަވެސް އެގަވައިދަށް އަމަލުކުރާން ފެށިތާ އެއް މަސް ދުވަސް މިހާރު ވެފައިވާއިރު އެގަވައިދަށް އަމަލުނުކުރާ ފަރާތްތަށް ދަނީ އިތުރުވަމުންނެވެ. މިހާރު ފެނިގެން ދަނީ އެމީހަކު ބޭނުންހާ ތާކު ސިނގިރޭޓް ބޮމުންދާ ތަނެވެ. ގަވައިދާ ގާނޫނު އޮތްތާ އޮތްގޮތަށް ބާއްވާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވިގޮތުގައި އުސޫލެއްނެތި ސިނގިރޭޓް ބޯމީހުން އިތުރުވެގެންދަނީ މަނާތަންތަނުގައި ދުންފަތު އިސްތިއުމާލް ކުރަމުންދާ މީހުންނަށް އަދަބުނުދެވޭތީއެވެ. އަދި ވިދާޅުވީ އެގަވައިދާ ހިލާފަށް މަނާތަންތާގައި ސިނގިރޭޓް ބޯ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ފުލުހުންނާއި ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވެފައިވާއިރު އެފަރާތްތަކުން މިހާތަނަށް އަދަބުތައް ދީފައިނުވާކަމަށެވެ.
"އަޅުގަނޑުމެން ފުލުހުންނަށް ބޭނުންވާ ހުރިހާ ލިޔެކިޔުމާއި އެއްޗެތި މިދިޔަ މަހުގެ ތެރޭގައިވާނީ ހަވާލުކޮށްފަ، ދެން އެކަމަކު ފުލުހުން އަދިވެސް ޖޫރިމަނާ ކުރުމުގެ މަސައްކަތެއް ނުފަށާ މިއީ ކަންނޭންގެ މައިގަނޑު މައްސަލައަކީ، ދެން ސިޓީ ކައުންސިލް އިން ނުކުމެ އެންފޯސް ކުރާކަށް ވެސް ނޫޅޭ" ހަސަން މުހައްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ގަވައިދަށް އަމަލުނުކުރާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުނަށެވެ. އަދި ސެންޓާ ފޯ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓޫރޯލްއަށް ލިބިގެންވަނީ އެގަވައިދާ ހިލާފްވާ ކެފޭ ރެސްޓޯރެންޓަކާމެދު ފިޔަވަޅު އެޅުންކަމަށްވާއިރު މިހާތަނަށްވެސް 25 ތަނެއް ޖޫރިމަނާ ކުރެވިފައިވާކަމަށް ހަސަން މުހައްމަދު ވިދާޅުވިއެވެ. އަދި އެގަވައިދު ތަންފީޒް ކުރުމަށްޓަކައި ކުރިއަށްއޮތްތަނުގައި ވެސް އެމުއައްސަސާއިން ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީހުން ވަދެ ނުކުމެވާ ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތައް ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގަވާއިދުގެ ދަށުން މަނާކަމެކެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތާގައި އޮންނަ ހާމަ ބިންތަކާއި ރިހަބިލިޓޭޝަން ސެންޓަރު ތަކާއި އެތަންތަނުގައި އޮންނަ ހާމަ ބިންތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި ކުޑަކުދިންގެ ޕާކްތަކާއި އެކުދިން އާންމުކޮށް މުނިފޫހި ފިލުވުމަށް ގޮސް އުޅޭ ތަންތަނާއި ފެރީތަކާއި ފެރީ ޓާމިނަލްތަކުގައިވެސް ސިނގިރޭޓް ބުއިން މަނަލެވެ. ނަމަވެސް ހިތާމައަކީ ގަވައިދުގައި އެހެން ލިޔެފައިއޮތަސް އެގަވައިދުތަކަށް އަމަލުނުކުރާތީ އެވެ.
އެ ގަވާއިދުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން އެއާކޯން ކޮށްފައިވާ ތަންތަނާއި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރެންޓްގެ އިތުރުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެ ގަވާއިދުގައި މަނާކޮށްފައިވާ ކަމެކެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަނަށް ހާއްސަ ހުއްދައެއް ހޯދާން ޖެހެ އެވެ. އަދި އެތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރެވޭ ސަރަހައްދެއް ކަޑައަޅަން ބޭނުންވާނަމަ އެހިސާބެއް ވަކިވާނެގޮށް ލިޔުން ބަހައްޓަންޖެހެއެވެ. އަދި ގަވައިދާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދިނުމުން ނުވަތަ ފުލުހުނަށް ފެނުމުން އެފަރާތަކަމެދު ފިޔަވަޅުއަޅާނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވިގޮތުގައި "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމު"ގެ ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަލު އެޅުމަށް ކުރަންޖެހޭ ކަންތައްތަށް ކުރުމަށް އެމުއައްސަސާއިން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެގަވައިދަށް އާންމުން ހޭލުންތެރި ނޫންކަން ދޭހަވާގޮތަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ކުރައްވާފައިވާ ޓުއީޓެއްގައި ވިދާޅުވެފައި ވަނީ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާދަށް އަމަލު ކުރަން ފެށުމާ އެކު ފުލުހުންނަށް އާއްމު ފަރާތްތަކުން ލިބެމުންދާ ކޯލްތަކުގެ ސަބަބުން އެގަވާއިދަށް އާއްމުން ހޭލުންތެރިކުރަން ޖެހިފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމުގެ ގަވައިދުގެ ދަށުން މީގެ ކުރިން ދުންފަތުގެ އިސްތިއުމާލް ކުރެވޭހާ މިނިވަންކޮށް އެކަންކުރުމަށް ހުރަސްތަކަކާ ކުރިމަތިވުމުން އެކަމަކީ ދުންފަތުގެ އިސްތިއުމާލްކުރާ އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭކަމަކަށް ވެގެނެއް ނުވާނެއެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު ދުޅަހެޔޮ ސިއްހަތެއް ގާއިމްކުރުމަށް ބޭނުންވާ ފަރާތްތަކަށް ނުވަތަ ދުންފަތުގެ އިސްތިއުމާލް ނުކުރާ ފަރާތްތަކަށް އެކަމުން ސަލާމަތްވުމަށްޓަކައި އެފަދަ ގަވައިދުތައް ތަންފީޒް ކުރާންޖެހެއެވެ.
އެ ގަވާއިދުގެ ދަށުން އެލިޔުން ނުބަހައްޓާނަމަ ފުރަތަމަ ފަހަރަށް އެ ތަނެއް 500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާއްމު ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަނެއްގެ ވެރިފަރާތް 1،000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި އެ އަމަލު ކޮށްފި ނަމަ 500ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އެގަވައިދަށް އަމަލުނުކުރާ ފަރާތްތަކާމެދު އެފަދަ އަދަބުތަކެއް ދިނުމަށް ނިންމާފައިވާއިރު ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ސަރަހައްދުތަކާއި ތަންތަން އެގޭނެފަދަ ލިޔުންތަކެއް ބަހައްޓަން ޖެހެއެވެ. އަދި އެއީ އެގަވައިދުގެދަށުން ކައުންސިލްތަކުގެ ޒިންމާއަކަށް ވަނީ ވެފައެވެ.
މާލެ ސިޓީ ކައުންސިލްގައި ހިމެނޭ ޑީއާރްޕީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެގަވައިދަށް އަމަލުކުރުމުގެގޮތުން މާލޭ ސިޓީ ކައުންސިލްއިން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާކަމަށެވެ. އަދި އެގަވައިދަށް އަމަލުކުރަންފެށިތާ ފުރަތަމަ ދުވަސްވަރު އެގަވައިދަށް މީހުން ވަރަށް ރަނގަޅަށް އަމަލުކުރަންފެށިކަމަށާއި މިހާރު އެގަވައިދަށް އަމަލުނުކުރަނީ ފުލުހުންގެ ޒިންމާއެއްކަމަށްވާ ޖޫރިމަނާ ނުކުރާތީކަމަށް ސުޖާއު ވިދާޅުވިއެވެ.
ގާނޫނާއި ގަވައިދުތަކަކީ ހުރިހާ މީހުންގެވެސް ރައްކާތެރިކަމާ ލާބަޔަށްޓަކައި ހެދެވިފައިވާ އެއްޗަކަށްވާއިރު އެގާނޫނުތަކާއި ގަވައިދުތަކުގެ ފޮނި މީރުކަން ފެނިގެންދާނީ އެގާނޫނެއް ނުވަތަ ގަވައިދެއް ތަންފީޒް ކުރެވިގެންނެވެ. އެނޫންގޮތަކަށް ކިތަންމެ ގާނޫނެއް ހެދިފައި ހުއްޓަށް އެގާނޫނެއްގެ މަންފާއެއް ނުކުރާއިރު ދުންފަތުގެ ނުރައްކަލުން ސަލާމަތްވުމަށް ނުވަތަ ދުޅަހެޔޮ ސިއްހަތެއް ގާއިމްކުރުމަށްޓަކައި ވެސް ގާނޫނުތަކާއި ގަވައިދުތަށް ތަންފީޒް ކުރުމަށްޓަކައި އެންމެ އެކީ މަސައްކަތް ކުރާންޖެހެއެވެ.