17 Feb 2013, 09:14
ފުލުހުންގެ ވެހިކަލެއްގައި ރޭ އަލިފާން ރޯކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭ އަލިފާން ރޯކޮށްލައިފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގައި ބޭނުންކުރާ ކާރެއްގައި ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެ ކާރުގައި ރޯކޮށްލާފައި ވަނީ ރޭ 03:30 އެހާކަންހާއިރު ތާޖުއްދީން ސްކޫލް ކައިރީގައި ހުންނަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ކުރިމަތިން އޮންނަ ޕާކިން ޒޯނުގައި އެ ކާރު ޕާކްކޮށްފައިއޮއްވައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ އިރު އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ.
ފުލުހުންގެ ވެހިކަލުގައި ރޭ ރޯކުރީ ކޮންބައެއް ކަން އަދި ކޮން މަގުސަދެއްގައި ކަމެއް ވެސް އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ވެހިކަލުގެ އިންޖީނާއި ދިމާލުގެ ކަވަރުން ބޮޑުބައެއް އަނދާފަވާ އިރު ކާރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިވެ އެވެ.
ފުލުހުންގެ ވެހިކަލެއްގައި ރޭ އަލިފާން ރޯކޮއްލާފައިވާ އިރު މިދުވަސްވަރަކީ އެމްޑީޕީގެ މުޒާހަރާތައް ކުރަމުން އަންނަ ދުވަސްވަރެއްކަމުން މާލެ ތެރެ ހަލަބޮލިވެފައިވާ ދުވަސްވަރެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ވަނީ ފުލުހުންނާ އާންމުންނާ ދެމެދުގައި ބޮޑެތި ކުރިމަތިލުންތަކެއް ހިނގައިފަ އެވެ.