10 Oct 2010, 11:02
އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީއާ ދެކޮޅަށް 22 ނުކުތާ ހިމެނޭ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް މިއަދު މެންދުރު ހުށަހަޅައިފި އެވެ.
މަދަނީ އިއްތިހާދުގެ ކްރިޓިކަލް އެނަލައިސިސް ގޮފީގެ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ، ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީ ޢަށް ޑރ. މުސްތޮފާއާ ދެކޮޅަށް ހުށަހެޅި ޤަރާރުގެ ނުކުތާތައް އެކުލަވާލާފައި ވަނީ، ޤާނޫނު އަސާސީ އާއި ސްޓްޓެޖިކް އެކްޝަން ޕެލާން އަދި އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯގެ މައްޗަށެވެ.
"އަޅުގަނޑުމެން މި ޤަރާރު ހުށަހެޅުމުގެ ބޭނުމަކީ، ވަޒީރުންނަށް އިތުބާރު ދޭއިރު ޑރ. މުސްތޮފާ ލުތުފީ ފެއިލްކޮށްލުން. ޤައުމީ ފެންވަރެއްގައި މުސްތޮފާ ލުތުފީއާ ދެކޮޅަށް ފިޔަވަޅެއް އަޅަން." އިބްރާހިމް ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުން މިއަދު ހަވީރު ހަތަރެއްޖަހާ އިރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުން 22 ނުކުތާއަކާ އެކު ހުށަހެޅި ޤަރާރާ އެކު ބައެއް ވީޑިއޯ ވެސް ހުޅަހަޅާފައިވާ ކަމަށް އެ އިއްތިހާދުން ބުނެ އެވެ.
މަދަނީ އިއްތިހާދުން ހުށަހެޅި ޤަރާރު ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީން ބަލައިގަނެފައިވާ ކަމަށް އެ އިއްތިހާދުން ބުނި ކަމުގައިވި އަސް ރައްޔިތުން މަޖިލީހުގެ އަމީން އާންމު ވިދާޅުވެފައި ވަނީ އެފަދަ ޤަރާރެއް ހުށަހެޅުއްވިކަން އަދި އެނގިވަޑައިގެންފައި ނުވާކަމަށެވެ.
މަދަނީ އިއްތިހާދަކީ 127 ޖަމިއްޔާގެ މައްޗަށް އެކުލެވޭ އިއްތިހާދެކެވެ. މީހުން ދިރި އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭ ގޮތަށް އެކޮނޮމިކް މިނިސްޓްރީން ބަނގުރަލާ ބެހޭ ޤަވާއިދެއް ހެދުމުން އެ ޤަވާއިދާ ދެކޮޅަށް ވެސް މަދަނީ އިއްތިހާދުން ވަނީ ތަފާތު ހަރަކާތްތަކެއް ވެސް ހިންގައިފަ އެވެ.
މަދަނީ އިއްތިހާދުގެ ބަޔަކު މިހާރު ތިބީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރުމަށް މުލީއާގެ ކައިރީގަ އެވެ. ނަމަވެސް މީހުންނަށް ރައީސްއާ ބައްދަލު ކުރެވޭ ގޮތް ނުވުމުން މިހާރު އެ ސަރަހައްދު ދޫކޮށް އެބަދެ އެވެ.