16 Feb 2013, 23:52
އިރާގުގެ ތަލް އައްފާރުގައި ދިން ބޮމުގެ ހަމަލާއެއްގައި އެ ގައުމުގެ އިންޓެލިޖެންސް އެކަޑެމީގެ އިސްވެރިޔާ ޖެނެރަލް އަލީ އައޫނީ އަވަހާރަކޮށްލައިފި އެވެ.
އިރާގުގެ އުތުރުގައިވާ އަވަށެއް ކަމަށްވާ ތަލް އައްފާރުގައި ދިން ބޮމުގެ ހަމަލާއަކީ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމަށާއި އެ ހަމަލާގައި ޖެނެރަލް އަލީ އައޫނީގެ އިތުރުން، އޭނާގެ ދެ ހަށިފާރަވެރިން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިރާގުގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ އިން ބުނީ އެ ހަމަލާގައި ޖެނެރަލް އަލީ އައޫނީ އަވަހާރަވެފައިވީ ނަމަވެސް، ހަމަލާގެ އަމާޒަކީ އޭނާ ކަމަށް ނުބެލެވޭ ކަމަށެވެ.
އެ ހަމަލާ ދީފައި ވަނީ އައޫނީގެ އަވައްޓެރިއެއް ކަމަށްވާ އިރާގުގެ ރެޕިޑް ރެސްޕޯންސް ފޯސް ކޮމާންޑަރު ލިއުޓްނަންޓް ހަބީބް އަމީން އިލިޔާސް އަވަހާރަކޮށްލުމަށް ކަމަށާއި އަމީން އިލިޔާސް އަވަހާރަކޮށްލުމަށް މީގެ ކުރިން ވެސް ހަމަލާއެއް ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެހެންނަމަވެސް ހަމަލާގައި އަމީން އިލިޔާސަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެ އެވެ.
މި އަހަރުގެ ތެރޭގައި އިރާގުގައި އަވަހާރަކޮށްލާފައިވާ އަސްކަރިއްޔާގެ އެންމެ އިސް އޮފިޝަލުގެ މަރު އެގައުމުން ތަހުގީގުކުރަމުންދާ އިރު، މިހާތަނަށް އެއްވެސް ފަރާތަކުން މިހަމަލާގެ ޒިންމާ އުފުލާފައިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އިރާގުގެ ތަލް އައްފާރަކީ އެމެރިކާގެ ފައުޖުތަކާއި އިރާގުގެ ހަނގުރާމަވެރިންނާއި ދެމެދު 2005 ވަނަ އަހަރު ވަރުގަދަ ކުރިމަތިލުންތަކެއް ކުރިއަށް ދިޔަ އަވަށެކެވެ. އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން ތަލް އައްފާރުގައި މިފަދަ ޖާނުން ފިދާވުމުގެ ހަމަލާތައް ދެމުންދެ އެވެ.