އިންޑިއަން ހައިކޮމިޝަންގައި އަމިއްލަފުޅަށް ހިމާޔަތް ހޯއްދަވައިގެން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ ހިމާޔަތް ދެއްވައިގެން ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް އިންޑިއާ އިން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފައިވާ ކަމަށް އޭއެފްޕީން ދެއްކި ވާހަކަތައް އެކޮމިޝަނުން ދޮގުކޮށްފި އެވެ.

ޖޭއެސްސީގެ އިންޑިއަން ހައިކޮމިޝަނަށް ފޮނުވާފައިވާ އީ މެއިލެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު އެކޮމިޝަންގައި ހުންނެވި ހުންނެވުމާ ގުޅުވައި އެކޮމިޝަނުން ނެރެފައިވާ ބަޔާނެއް ކަމަށް އޭއެފްޕީން ބުނި ނަމަވެސް އެފަދަ ބަޔާނެއް އެކޮމިޝަނުން ނެރެފައިނުވާނެ ކަމަށެވެ. އަދި އެބަޔާނަކީ އެކޮމިޝަންގެ ލެޓާ ހެޑެއްގައި ނެރެފައިވާ ފޯޖް ބަޔާނެއް ކަމަށް ވެސް އެ މެއިލްގައި ބުނެފައިވެ އެވެ.

އޭއެފްޕީން ޖޭއެސްސީގެ ބަޔާނެއް ކަމަށް ބުނެ އާއްމުކުރި އެބަޔާނާ ގުޅިގެން އިންޑިއަން ހައިކޮމިޝަނުން ވެސް ވަނީ އެކަންތައް ކުށްވެރިކޮށްފަ އެވެ. އިންޑިއަން ހައިކޮމިޝަނުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޭއެފްޕީ ފަދަ އިތުބާރު ހިފޭ ނޫސް އެޖެންސީއަކުން ރިޕޯޓްކުރުމަކީ އެކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުރިމަތިވެފައިވާ ނާޒުކް މިފަދަ ދަނޑިވަޅެއްގައި އޭއެފްޕީން އެފަދަ ލިޔުމެއް އާއްމު ކުރުމުގެ ކުރިން އިންޑިއަން ހައިކޮމިޝަންގެ އަދި ޖޭއެސްސީގެ ބަހެއް ވެސް ހޯދައިނުވާތީ އެކަން ވެސް ހައިކޮމިޝަނުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އޭއެފްޕީން އެކަމަށް މައާފަށް އެދުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.