އެމްޑީޕީން ރޭ މާލެ ތެރޭގައި ކުރި މުޒާހަރާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެެރޭގައި ހިމެނޭ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު އަދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ މެމްބަރު ގަހާ އަހުމަދު ސައީދު މިރޭ ކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ތިން ބޭފުޅުން ވެސް ކޯޓުން މިރޭ ދޫކޮށްލީ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ބަންދުގައި ބަހައްޓަން ކޯޓަށް ނުފެންނާތީ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ހިމާޔަތުގެ ނަމުގައި އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ "ހިނގާލުމުގައި" 55 މީހަކު ފުލުހުން ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެތެރޭގައި ކުޑަ ކުއްޖެއްގެ އިތުރުން ހަތަރު އަންހެނުން ވެސް ހިމެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ރޭ ހައްޔަރުކުރި ބައެއް މީހުން މިރޭ ކޯޓަށް ގެންދިއުމުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ދެއްވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.