16 Feb 2013, 22:07
އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ، ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެކަން ވަނީ އިންޑިއަން ހައިކޮމިޝަނަރު ވެސް އަދި ޔާމީން ވެސް ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
މުލޭ މިރޭ ސަން އަށް ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު ޔާމީނާ ބައްދަލު ކުރެއްވީ ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ހައްލު ހޯއްދެވުމުގެ ބޭނުންފުޅުގައި ކަމަށެވެ. އަދި ވިދާޅުވީ އެގޮތުން ސަރުކާރާއި އެ ނޫން ވެސް ސިޔާސީ ޕާޓީތަކާއި އަދި ކަމުވޮށިގެންވާ މީހުންނާ ވެސް ވާހަކަ ދައްކަވައިގެން ސުލްހަވެރި ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ޔާމީން ވިދާޅުވީ އިންޑިއާ ސަފީރުގެ އެދިވަޑައިގަތުމަކަށް މިއަދު ޕީޕީއެމްގެ އޮފީހުގައި އެ މަނިކުފާނާ ބައްދަލުކުރެއްވި ކަމަށެވެ. ޔާމީން ވިދާޅުވީ އިންޑިއާ ސަފީރުވަޑައިގަތީ އިންޑިއާ އިން ރާއްޖެ އާ އެކު އޮތް ގުޅުން ކަށަވަރުކޮށްދެއްވުމަށް ކަމަށާއި އަދި އެ ގުޅުން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް އަށް ދެއްވުމަށް ކަމަށެވެ.
މުލޭއާ ހަވާލާ ދެއްވައި ޔާމީން ވިދާޅުވީ މިހާރުގެ ސިޓުއޭޝަނުން ސުލްހަވެރި ހައްލެއް ހޯއްދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ސަފީރު ވިދާޅުވި ކަމަށާއި އަދި "އައުޓް ކަމް"[ނަތީޖާ] ރަނގަޅު ވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވިދާޅުވި ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތަށް، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ނަޝީދު ވަނީ އިންޑިއަން ހައި ކޮމިޝަންގެ ތެރެ އަށް ވެދެވަޑައިގެންފަ އެވެ. ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރައްވަނީ، ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރުމާ ގުޅިގެންނެވެ.