16 Feb 2013, 21:41
ޅ.ހިންނަވަރުގައި އޯޑަރަށް ކާއެއްޗެތި ހިފައިގެން ގެއަކަށްދިޔަ ބަންގްލާދޭޝްގެ ވޭޓަރަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ހިންނަވަރު ކައުންސިލް މެމްބަރަކު މިރޭ ސަން އޮންލައިނަށް ވިދާޅުވީ ވަޅިންހަމަލާދީ ޒަހަމްކޮށްލާފައިވަނީ މިރޭ ގާތްގަނޑަކަށް 8:45 ކަންހާއިރު އެރަށުގެ ރެސްޓޯރެންޓެއް ކަމަށްވާ "އިބިޒާ" ރެސްޓޯރަންޓަށް ދިން އޯޑަރަކަށް ކާއެއްޗެތި ހިފައިގެން އެރަށުގެ ގެއަކަށް ދިޔަ އެރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލާދޭޝްގެ ވޭޓަރަކަށް ކަމަށެވެ.
އެކައުންސިލަރު ވިދާޅުވީ ޒަހަމްވި ބަންގްލާދޭޝްގެ މީހާއަށް އެރަށު ސިއްހީ މަރުކަޒުން މިހާރު ފަރުވާ ދެމުންދާއިރު އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ. އަދި ވަޅިން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ބަނޑުގެ ވާތްފަރާތުން ބައި އިންޗިވަރު ކަފައިގެންގޮސްފައިވާކަމަށް އޭނަ ވިދާޅުވިއެވެ.
ނަމަވެސް އެ ދެ މީހުންގެ ވަނަވަރު އަދި ވަނީ ސާފު ވާ ގޮތް ނުވެފައެވެ.
ފުލުހުން ބުނީ ހިންނަވަރު ޒުވާނުންގެ މަރުކަޒު ކައިރިން މިރޭ ބަންގްލާދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި އުމުރުން 17 އަހަރުގެ ކުއްޖަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށެވެ.