16 Feb 2013, 18:14
އެމްޑީޕީން ރޭ ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުންގެ އަމަލުތައް ކުރި ގޮތްތަކާއި މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ހުރި ގޮތާ މެދު ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެޗްއާރްސީއެމް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރޭގެ މުޒާހަރާ ފުލުހުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އެކިވަރުގެ ގެއްލުންތަކާއި އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި މުޒާހަރާގެ ބައެއް އަންހެނުން ހައްޔަރުކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށާއި ހައްޔަރުކުރުމުގައި އެކަށީގެން ނުވާވަރުގެ ބާރުގެ ބޭނުންކޮށްފައިވާ ކަމަމަށް ވެސް ބުންޏެވެ. އަދި ރޭގައި އަމަން ބެލެހެއްޓުމަށް ހަރަކާތްރެރިވި ބައެއް ފަރާތްތަކުން ބަސްމަގު އެކަށީގެން ނުވާ ގޮތަކަށް ބޭނުންކޮށްފައިވާ ކަމަށާއި މުޒާހަރާގެ ކަންކަން ބެލެހެއްޓުމާއި އަމަންބެލެހެއްޓުމަށް ހަރަކާތްތެރިވި ބައެއް ފަރާތްތަކަށް ބޮޑެތި އަނިޔާތަކަކާއި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުންޏެވެ.
އެޗްއާރްސީއެމް އިން ބުނީ އަމަންބެލެހެއްޓި ފަރާތްތަކުގެ އިތުރުން މުޒާހަރާގެ ބައިވެރިން ވެސް އަމަލުތައް ހުރީ މުޒާހަރާގެ ސުލްހަވެރިކަން ގެއްލޭ ގޮތަށް ކަމަށާއި އެގޮތުން މުޒާހަރާގައި އެކިވަރުގެ ކުރިމަތިލުންތައް ހިންގައި އަނިޔާތައް ލިބިފައިވާ އިރު އެ މުޒާހަރާގައި ކުޑަކުދިން ބައިވެރިކުރުމާއި މުޒާހަރާގެ ހަބަރުތައް ގެނެސްދިން ބައެއް ޓީވީ ޗެނަލްތަކުން ހަގީގަތް އޮޅޭގޮތަށް ހަބަރާއި މަންޒަރު ގެނެސްދިން ކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކޮމިޝަނުން ބުނީ ގާނޫނު އަސާސީ އިން ރައްޔިތުނަށް ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްގެއް ނިގުޅައި ނުގަނެނެވޭ ގޮތަށް އަމަލުތައް ބެހެއްޓުމަށާއި ގައުމުގެ ސުލްހަމަސަލަސް ކަމާއި އަމަންއަމާން ކަމަށް އިސްކަންދީގެން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށާއި ކޮންމެ ފަރުދެއްގެ ވެސް އިންސާނީ ކަރާމާތަށް ރައްކާތެރިވެ އިހްތިރާމްކުރުމަށް ގޮވާލާ ކަމަށެވެ.