16 Feb 2013, 15:57
މީހުންނަށް ބިރުދައްކައިގެން ތަފާތު އެކިފަހަރު މަތިން ފައިސާ ފޭރިގަތްކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފޭރުމުގެ ތުހުމަތުގައި ކުޅުދުއްފުށީ ގުމްރީގޭ ސޮބާހު މުހައްމަދާއި އެރަށު ޒޭވަރު އަބްދުލް ގާދިރު މުހައްމަދުގެ ބަންދަށް އިތުރުކޮށްފައި ވަނީ 15 ދުވަހެވެ.
އެ ދެ މީހުންގެ ތެރެއިން ސޮބާހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިއަދު އެވެ. އަދި އަބްދުލްގާދިރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުގަ އެވެ.
ފޭރުމުގެ ތުހުމަތުގައި މިހާރުވެސް ދައުވާ އުފުލާފައިވާ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ދެ މީހުން ތަފާތު އެކި ފަހަރު މަތިން މީހުންނަށް ބިރުދައްކައި ފައިސާތަކެއް ފޭރިގަތް ކަމުގެ ތުހުމަތުގަ އެވެ.
މި މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ކުޅުދުއްފުށީ ދިވެލި ކިޔާ ފިހާރައެއްގެ ސޭޓަކަށް ބިރުދައްކައި ގިނައަދަދެއްގެ ފައިސާތަކެއް ފޭރިގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭކަމަށް ކުޅުދުއްފުށީ ކޯޓުގައި ފުލުހުން ވަނީ ބުނެފަ އެވެ.