16 Feb 2013, 15:13
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝަރީއަތަށް "ފިއްލެވުމަށް" އެހީވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕްރޮސިކިއުޓާ ޖެނަރަލް ދައުލަތުގެ ފަރާތުން ދައުވާ އުފުލާފައި ވަނިކޮށް ދިވެހި ދައުލަތުގެ ޝަރުއީ ނިޒާމުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް އިންޑިއާގެ ހައިކޮމިޝަނުން ކުރީގެ ރައީސް ނަޝީދު ޝަރީއަތަށް ފިއްލެވުމަކީ ނަޝީދު ކުރެއްވި ފިނޑި އަލަމެއް ކަމަށެވެ.
"މުސްތަގިއްލު ޕްރޮސެކިއުޓަރ ޖެނެރަލަކު ދައުލަތުގެ ފަރާތުން ދަޢުވާ އުފުލާފައި ވަނިކޮށް ދިވެހި ދައުލަތުގެ ޝަރުޢީ ނިޒާމުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް އިންޑިއާގެ ހައިކޮމިޝަނުން ނަޝީދު ޝަރީޢަތަށް ފިއްލެވުމަށް އެހީވުމަކީ ޢަދާލަތުޕާޓީން ކަންބޮޑުވާ ކަމެކެވެ. އަދި އިންޑިއާ ހައިކޮމިޝަނަކީ އެމް.ޑީ.ޕީގެ ޖަގަހައަކަށް ހަދައި، އެތާނގައި ހުންނަވައިގެން އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައްދަލުކޮށް، މާލޭގެ މަގުތައް ނާމާންކޮށް، މާރާމާރީ ހިންގުމަށް ހިތްވަރުދީ، ދައުލަތާއި ފަރުދުންގެ މުދަލަށް ގެއްލުންދިނުމަށް ގޮވާލަމުން ދިޔުމަކީ ދިވެހިރައްޔިތުން ޒަމާނުއްސުރެ އިންޑިއާއަށް ކުރަމުން އަންނަ އިޙްތިރާމާއި ޤަދަރު ކުޑަވެގެންދާނޭ ކަމެކެވެ،" އަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ވެއެވެ.
އަދާލަތު ޕާޓީގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިންޑިއާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާ ސަފީރަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވަމުންދާއިރު ދެ ގައުމުގެ ގުޅުން ހައްލު ކުރުމުގެ ފަންނީ ގާބިލްކަން ލިބިފައިވާ އިންސާފަށް ލޯބި ކުރައްވާ ބޭފުޅަކަށް ވުމަކީ ކޮންމެހެން ވެސް ބޭނުން ކަމެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ދާހިލީ ކަންތައްތަކަށް އިހުތިރާމްކުރުމަށް އިންޑިއާގެ ސަރުކާރަށް ގޮވާލަމެވެ. ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އިންޑިއާ އާއި ދިވެހި ގައުމުގެ ބަދަހި ގުޅުމަށް ބުރޫއެރުމަކީ ޢަދާލަތު ޕާޓީން އެދޭ ގޮތެއްނޫނެވެ. ޢަދާލަތުޕާޓީން އަބަދުވެސް އެދެނީ ދެ ޤައުމުގެ ދެމެދުގައި އިހްތިރާމާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ ގާތް، އެކުވެރި ގުޅުމެއް ދެމިއޮތުމެވެ،" އަދާލަތު ޕާޓީޫގެ ބަޔާނުގައި ބުނެފައިވެއެވެ.
ކުރީގެ ރައީސް ނަޝީދު އިންޑީއާގެ ހައިކޮމިޝަންން އަށް ވަދެވަޑައިގެން އެ ހުންނަވާ ހުންނެވުމަކީ އެ މަނިކުފާން ކުރައްވާ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެ ޢަމަލު އެ ގޮތަށް ހިންގެވުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ގޮންޖަހައި، މުޅި ޝަރުޢީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ހިންގަވަމުން ގެންދާ ނުރައްކާތެރި ޖަރީމާއެއް ކަމަށް އަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
"ކުރެވިފައިވާ ތުހުމަތުތަކުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނަޝީދު ގެންދަވަނީ ޝަރުޢީ ނިޒާމަށް ފުރައްސާރަކޮށް، އަމަން ބަލަހައްޓާ މުއައްސަސާތަކަށް ބަދު ބަސް ބުނެ، ނުކިޔަމަންތެރިކަން ދައްކައި، ރާއްޖޭގެ އަމަން އަމާންކަމާއި މަސްލަޙަތު ނަގާލަމުންނެވެ،"
ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ ނަޝީދު މިފަދަ ޢަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ނުރައްކާ ވަމުންދާ ކަމަށާއި ނަޝީދަށް މިފުރުޞަތު ނުދިނުމަށް، އެމްޑީޕީގެ ޢާއްމު މެންބަރުންނަށާއި، ދިވެހިރާއްޖޭގައި އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް އެ ޕާޓީން ގޮވާލާ ކަމަށެވެ. އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓުމުގައި ސާބިތުވުމަށް ދިވެހިރާއްޖޭގެ ސަރުކާރަށާއި އަމަން ބަލަހައްޓާ ފަރާތްތަކަށް އަދާލަތު ޕާޓީން ގޮވައިލައިފައިވެ އެވެ.