ޓޫރިސްޓް ވިސާ (އޮން އެރައިވަލް)ގައި އިންޑިއާ އަށް ދިޔަ ދިވެއްސަކު ޓުރިވެވެންޑްރަމް އެއާޕޯޓުން ހިފެހެއްޓުމަށް ފަހު އަލުން އަނބުރާ ރާއްޖެ އަށް ފޮނުވާލައިފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެ އަންހެން މީހާ ސަން އަށް މައުލޫމާތު ދެމުން މިއަދު ބުނީ އިންޑިއަން އެއާލައިންސް އިން މިދިޔަ ބުރާސްފަތި ދުވަހު މެންދުރުގެ ވަގުތެއްގައި އޭނާ އިންޑިއާގެ ޓްރެވިންގްޑްރަމަށް ދިޔަ ތަނުން އެއާޕޯޓުން ހިފެހެއްޓި ކަމަށާއި އޭނާ އަނބުރާ ރާއްޖެ ފޮނުވާލީ މޯލްޑިވިއަންގެ ފްލައިޓަކުން އަލުން އޭނާ ލައްވައި ޓިކެޓް ނެންގުވުމަށް ފަހު ކަމަށެވެ.

"ދެ މަސް ގެޕެއް[ދުރުމިނެއް] ނުލައި ފުރައިގެން ދިޔައީ ވަރަށް ބޮޑަށް ބަލައިފައި. މިދިޔަ މަހުގެ 25 އެންމެ ފަހުން މާލެ އައީ އިންޑިއާ އަށް ގޮސްފައި އެ ފަހަރު ސީ ފޯ ފޯމް ލާން ގޮސް ވެސް އެހިން ޓޫރިސްޓް ވިސާގެ 90 ދުވަސް ވަދެން ކޮން ތާރީހެއްގައިތޯ އާދެވޭނީ. އެ މީހުން ބުނި އެ މުއްދަތުގެ ތެރޭގައި ކިތަންމެ އަވަހަށް ވެސް އިންޑިއާއަށް ދެވޭނެއޭ،" އިންޑިއާ އިން ފޮނުވާލި އަންހެން މީހާ ބުންޏެވެ.

އިންޑިއާ އަށް ޓޫރިސްޓް ވިސާގައި ދިޔަ އެއަންހެން މީހާ ފޮނުވާލި އިރު އެ ގަވާއިދަށް އަމަލުކުރުން އިންޑިއާ އިން ވަނީ ހުއްޓާލައި އެކަން އަންގާފަ އެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ ގަވާއިދަށް އަމަލް ކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އިންޑިއާގެ އިމިގްރޭޝަން ކައުންޓަރުން ބުނި ކަމަށް ވެސް އޭނާ ބުންްޏެވެ.

އިންޑިއާގެ ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓޫރިސްޓް ވިސާގައި އިންޑިއާ އަށްދާ މީހުންނަށް ކުރިން ކަނޑައަޅާފައި އޮންނަ ދެ މަސް ދުވަހުގެ ދުރުމިނެއް މިހާރު ނޯންނަ ގޮތަށް މީގެ މަހެއްހާ ދުވަސް ކުރިން އަންގާފައިވާ ކަމަށާއި އަލުން އެ ގަވާއިދަށް އަމަލު ކުރަން ފެށި ކަމެއް އެނވަޑައިގެންފައި ނުވާ ކަމަށެވެ.

ފޮރިން މިނިސްޓަރުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ އިންޑިއާ އަށް ދިވެހިން ދަތުރު ކުރުމުގައި ކުރިން ކަނޑައަޅާފައި އޮންނަ ދެ މަސް ދުވަހުގެ ގެޕް މިހާރު ނޯންނަ ކަމަށެވެ. ރާއްޖެއާ އެކު ވަރަށް ގިނަ ގައުމުތަކަށް އަލަށް ކަނޑައެޅި އުސޫލުގެ މަތިން "އޮން އެރައިވަލް" ވިސާ ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮން އެރައިވަލް ވިސާގައި ނުވަތަ ޓޫރިސް ނިސާ މިހާރު މިހާރު ދޭނެ ކަމަށާއި އެކޮޅަށް (އިންޑިއާ) އެތެރެވެފައި ދެ މަސް ނުވިޔަސް ދެވޭނެ ގޮތަށް އަލަށް ކަނޑައެޅި އެގަވާދުގައި އޮންނަނީ. އޭގައި ބުނާ ގޮތުން ޓޫރިސްޓް ވިސާގައި ކިތަންމެ ގިނައިން ވެސް އެ ގައުމަށް އެރުމަކަށް ހުރަހެއް ނެތް. އެއްވެސް ކަހަލަ ރެސްޓްރިކްޝަނެއް ނެތް،" މުއާޒު ވިދާޅުވި އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އަމަަލުކުރުން ހުއްޓާލާފައިވާ އެ ގަވާއިދު އިންޑިއަން ހައިކޮމިޝަންގެ ވެބްސައިޓްގައި ވެސް އާއްމުކުރި އެވެ. ނަމަވެސް ރާއްޖެ އިން ދިޔަ އެ އަންހެން މީހާ ހިފެހެއްޓީ އެ މުއްދަތުގެ ކުރިން ވިސާ ނެތި އިންޑިއާ އަށް އެތެރެވާން އުޅުމުން ކަމަށް ބުނެ އެވެ.

އިންޑިއާ އަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން ޓޫރިސްޓުންގެ ގޮތުގައިދާ ދިވެހިން ނޫން އެހެން މީހުން އެ މީހަކު އެގައުމަށް ދާން ބޭނުންވާ ކެޓަގަރީއެއްގެ ވިސާއެއް ނަގައިގެން ނޫނީ އިންޑިއާ އަށް އެތެރެ ނުވޭ ގޮތަށް ވެސް އިންޑިއާގެ ސަރުކާރުން ވަނީ ގަވާއިދެއް ހަދައިފަ އެވެ. އަދި އިންޑިއާ އަށް ޓޫރިސްޓުން ނޫން ގޮތަކަށްދާ ނަމަ ވިސާ ނަގައިގެން ދިއުމަށް ވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާތަނަށް ރާއްޖެ އަށް ދީފައިވާނީ އެހެން ގައުމުތަކާ ހިލާފަށް ހާއްސަ ހުއްދައެއްގެ ދަށުން 60 ދުވަހުގެ ގެޕާ ނުލައި ވެސް އިންޑިއާ އަށް ދެވޭ ގޮތަށް ކަމަށާއި ނަމަވެސް އެކަމަށް ބަދަލު އައިސްފައިވާ ނަމަ ހޯމަ ދުވަހު ޖަވާބެއް ދެއްވާނެ ކަމަށެވެ.